
ބ. އޭދަފުށީގައި މިހާރު ބޮޑުހިލަ ޖަހަމުންދާ ސަރަހައްދަކީ ރައްޔިތުން ދިއުން މަނާކޮށްފައިވާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދަށް އާއްމުންގޮސް ވަދެ ނޫޅުމަށް އޭދަފުށީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
އޭދަފުށީ ކައުންސިލުގެ ނައިބް ރައީސް މުހައްމަދު ނައުރީފް ވިދާޅުވި ގޮތުގައި އެ ސަރަހައްދަށް އާއްމުން ގޮސް ވަދެ އުޅުމަކީ މަނާކަމެއްކަން ވާނީ އާންމުކޮށް އަންގައި އިއުލާންވެސް ކޮށްފަ އެވެ. އަދި އެ ސަރަހައްދަށް ގޮސް އުޅުމުން ދިމާވެދާނެ ނުރައްކާތެރި ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް ކުރިން އަންގާފައި ވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އޭދަފުށީގައި ރިވެޓްމަންޓް ޖަހަމުންދާ ސަރަހައްދު ބަލައިލަން، މަންމައާ އެކު އިއްޔެ ހަވީރު އަތިރިމައްޗަށް ގޮސް އުޅުނު ދޮޅު އަހަރުގެ ފިރިހެން ކުއްޖަކު ރިވެޓްމަންޓް ޖަހަން ކޮނެފައި އޮނތް ފުން ގަނޑަކަށް ވެއްޓި ގެނބެނިކޮށް ވަނީ ސަލާމަށްކޮށްފަ އެވެ. އެ ކުއްޖާ އަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

ބަނދަރުހަދާ ރައްރަށުގައާއި ބިންހިއްކާ ރަށްރަށުގަ މަސައްކަތްކުރާތަން ބަލަން މަސައްކަތްކުރާ ސަރަޙައްދަށް ހަވީރުފިންޏަށް ހިގާލަންނުކުމެ، ކުދިން ގޮވައިގެން ވަނދެ އުޅުން އޮންނަނީ އާއްމުވެފަ އެވެ. ނަމަވެސް މިފަދަ ސަރަހައްދަށް ވަދެއުޅެނިކޮށް މިފަދަ ނުރައްކާތެރި ޙާދިސާތައް ހިނގުމަކީ ވަރަށް ކައިރި ކަމެކެވެ.