
މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި މިނިވަން 50 ހިނގާލުމުގައި ކުޑަކުދިންގެ ބައިވެރި ނުކުރުމަށް ގޮވާލައި، ޓުވީޓްކުރެއްވި މައްސަލައިގައި ބ. ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު އަބްދުއްރަހީމް ސަސްޕެންޑް ކޮށްފި އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތުޅާދޫ ކައުންސިލަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވައިވާ ގޮތުން ކުޑަކުދިން މިނިވަން 50ގެ ހިނގާލުމުގައި ބައިވެރިނުކުރުމަށް ގޮވަލައި މިދިޔަ މަހުގެ 29 ވަނަ ދުވަހު އަބްދުއްރަހީމް ކުރި ޓުވިޓާ ގުޅިގެން އޭނާ އެއް މަސްދުވަހުގެ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
“އަޙްމަދު ޢަބްދުއްރަޙީމް 29 މެއި 2015ގައި ކުރައްވައިފައިވާ ޓުވީޓަކީ ޒިންމާދާރު އެފަދަ މަޤާމެއްގައި ހުރެ ޤަޢުމީ ފެންވަރެއްގައި ސަރުކާރުން ހިންގުމަށް ކަނޑައަޅުއްވައިފައިވާ ސިޔާސަތަކާ ދެކޮޅު އަދި އޭގެ ސަބަބުން މުޖުތަމަޢުގައި ބައިބައިވުން އުފެދިގެން ދާނެ ފަދަ ކަމަކަށް ވުމުން، އަދި އެކަން އެ ގޮތަށް ކުރެއްވި ސަބަބު އޮޅުންފިލުވުމަށް މިއޮތޯރިޓީން އަޙްމަދު އަބްދުއްރަޙީމަށް ފޮނުވި ސިޓީއާއި ދެންނެވުނު ކުޑަކުދިންގެ ހިނގާލުމަށް ހުރަސް އެޅޭ ފަދަ އެއްވެސްކަމެއްގައި ކައުންސިލްގެ މެންބަރަކު ބައިވެރި ނުވުމަށް އެދި ފޮނުވި ސިޓީގެ ޖަވާބުގައި ޣައިރު ޒިންމާދާރު އަދި ރުންކުރު ޖަވާބެއް ވަނީ ދެއްވާފައެވެ.” އެ ސިޓީގައި ބުނެގައިވެ އެވެ.
މުސާރަ ހިފެހެއްޓި ނަމަވެސް ރޯދަ މަހުގެ އިނާޔަތް ދޫކުރުމަށް އެ ކައުންސިލަށް އެލްޖީއޭ އިން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.