މަސްތުވާތަކެތި ކަމަށް ބެލެވޭ ބްލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއެކު ބ. ތުޅާދޫން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި ތުޅާދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހެނދުނު ހިންގި އޮޕަރޭޝަނުގައި އެރަށު ޕޮލިސް ސްޓޭޝަނުން އަތުލައިގެންފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނި ގޮތުގައި ތުޅާދޫ ބޮޑު މިސްކިތާ ދިމާލުގައި އިރަށް އޮންނަ ހުސްބިން ސަރަޙައްދުން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންނަން މަސައްކަތްކުރި ވަގުތު އޭނާ އަތުގައި އޮތް، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓް ވަނީ ބިންމައްޗައް ވައްޓާލައިފައެވެ.
“މި މައްސަލައާ ގުޅިގެން ތުޅާދޫ ޕޮލިސް ސްޓޭޝަނަށް އޭނާ ހާޟިރުކޮށް، ކުދަކަމުދާތަކެތި ތަޙުލީލް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ޓީ.އެޗް.ސީއަށް ވަނީ ޕޮޒިޓިވްވެފަ އެވެ،” ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަތު ކުރި މީހާ އަކީ ތަފާތު އެކިއެކި ކަންކަމާ ގުޅިގެން 14 ފަހަރު ހުއްޓުވައި ސުވާލުކޮށް 17 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 6 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ 4 މައްސަލައެއްގެ ތަހުގީގު ނިންމުމަށްފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަދި އޭނާ އަކީ މާރާމާރީއާއި ފޭރުމާއި ވައްކަމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.