ތައުލީމީ މަރުކަޒުގައި 4 ބުރީގެ އާ އިމާރާތެއް އެޅުމަށް ބީލަމަށް ލައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒު. އެ ސްކޫލުގައި 4 ބުރީގެ އާ އިމާރާތެއް ހަދަން ދަނީ ތައްޔާރުވަމުން – ފައިލް ފޮޓޯ
ބ. އަތޮޅު ތައުލީމީ މަރުކަޒު. އެ ސްކޫލުގައި 4 ބުރީގެ އާ އިމާރާތެއް ހަދަން ވަނީ ބީލަމަށް ލާފައި– ފައިލް ފޮޓޯ

ބ. އަތޮޅު ތައުލީމީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެ ސްކޫލުގައި އިމާރާޓް ކުރުމަށް ހަމަޖެހިފައިވާ 4 ބުރީގެ އާ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ލައިފި އެވެ.

މި ބީލަމަށް ހުޅުވާލުމަށްޓަކައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި 4 ބުރީގެ 12 ކްލާސްރޫމް އިމާރާތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިން މި މަހުގެ 16 ގައި އޮންނާނެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވޯލްޑް ބޭންކްގެ އެހީއާއެކު ތަންފީޒުކުރަމުންދާ އެންހޭންސިންގ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އީއީޑީޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަށް ބީލަން ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވަނީ، އަންނަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ 13:00 ގަ އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލަށް އިމާރާތް ކުރުމަށް ނިންމި ހަތަރު ބުރީގެ 12 ކްލާސްރޫމުގެ އާ އިމާރާތް އެޅުމަށް ކުރިން ހުރި ތިން ކްލާސް ރޫމު ތަޅާލައި ބިން ސާފުކުރިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމަދު އަލީ ކުރިން “އީޓީ” އަށް ވިދާޅުވީ އާ އިމާރާތުގެ މަސައްކަތް ނިމުމުން އެ ސްކޫލުން ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި ޓީއާރުސީގައި މިދިޔަ އަހަރު ގާއިމުކުރި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޔުނިޓްވެސް އާ އިމާރާތަށް ބަދުލުކުރެވޭނެ ކަމަށް އަހްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.

ގްރޭޑް 1 އިން 12 އަށް ކިޔަވައިދެމުން ގެންދާ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިވަގުތު 700 އަށް ވުރެ ގިނަ ކުދިން ތައުލީމު ހާސިލުކުރަމުން ގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.