
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4 އަދި 5 ގެ ކުދިންގެ މެދުގައި ބާއްވަމުން އަންނަ ކެއްކުމުގެ މުބާރާތް އިއްޔެ އެ ސްކޫލްގައި ބާއްވައިފި އެވެ.
ސްކޫލުގެ ލީޑިން ޓީޗަރު އިހުސާނާ މުހައްމަދު ވިދާޅުވީ މީގެ 4 އަހަރު ކުރިން ފެށިގެން “ބޮޑު ކައްކާގެ” ގެ ނަމުގައި ބާއްވަމުން އަންނަ މި މުބާރާތަކީ ކެއްކުމުގެ ފަންނު ކުދިންގެ ހިތުގައި ޝައުގުވެރިކުރުވުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ.

އިހުސާނާ ވިދާޅުވި ގޮތުގައި މި މުބާރާތް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދަނީ ސޮނޭވާފުށީ ރިސޯޓުގެ ވަރަށްބޮޑު އެއްބާރުލުމަކާ އެކުގަ އެވެ. އެގޮތުން ފަނޑިޔާރުންގެ ކަންތައް އިންތިޒާމުކޮށްދިނުމާއި ދަރިވަރުން ތައްޔާރުކުރާ ކެއްކުމަށް ބޭނުންވާ މައިގަނޑު ހުރިހާ ތަކެއްޗެއް ފޯރުކޮށްދެނީ އެ ރިސޯޓުންނެވެ.
ތައުލީމީ މަރުކަޒުން ބުނީ ދަރިވަރުން ގްރޫޕްތަކަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުން އެއްވަނައަށް ދާ ގްރޫޕަކަށް އިނާމާއި މެޑެލްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ފައިސާގެ އިނާމާއި މެޑެލް އަކީ ސޮނޭވާފުށީގެ ސޫޝެފް އަބްދުﷲ ސޮބާހުގެ ފަރާތުން ކަނޑައަޅާފައިވާ އިނާމާއި މެޑެލް ކަމަށެވެ.
މީގެ އިތުރުން އެއްވަނައަށް އަންނަ ގްރޫޕަކަށް ސޮނޭވާފުށީގައި އެއްދުވަހު ހޭދަކުރުމުގެ ފުރުސަތު ރިސޯޓުން ދީފައިވެ އެވެ.

މިމުބާރާތުގައި ގްރޫޕްތަކުން ތައްޔާރުކުރަންޖެހެނީ ސޫޕަކާ ސެލެޑަކާ މެއިން ޑިޝްއެއްގެ އިތުރުން ޑެޒާޓެކެވެ. މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލުގައި ތިއްބެވީ ސޮނޭވާފުށި ރިސޯޓްގެ ޝެފުންނެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނި ގޮތުގައި މި މުބާރާތުން ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމުދިނުމާއި އެންމެމޮޅު ޑިޝްއެއް ތައްޔާރުކުރަން ދަސްކޮށްދިން ފަރާތަކަށް އިނާމާއި މެޑެލްދިނުން އޮންނާނީ ގްރޭޑް4،5 ގެ ހަރަކާތްތައް ނިންމުގެ ގޮތުން އަންނަ މަހުތެރޭ އެ ސްކޫލުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގަ އެވެ.