
މައި ކޮލެޖުން ބ. އޭދަފުށީގައި މަތީތައުލީމަށް ކިޔަވައިދޭ ކޯސްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް އެ ތަނުން ބުނެފިއެވެ.
މައި ކޮލެޖުގެ އޮފިޝަލަކު ވިދާޅުވީ އެ ކޮލެޖުގެ ކެމްޕަހެއް އޭދަފުށީގައި ގާއިމު ކުރުމަށް ތައްޔާރުވަމުންދާ ކަމަށާއި މިވަގުތަށްވެސް ގިނަ ކޯސްތަކަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން ބެޗްލާސް ޑިގްރީ ލެވެލްގެ ކޯސްތައް ހިމެނެ އެވެ.
ބެޗްލާސް ޑިގްރީ ކޯސްތަކުގެ ތެރޭގައި ބެޗެލާ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން އާއި ބެޗެލާ އޮފް އެޑިޔުކޭޝަން ހިމެނެ އެވެ. އަދި ހިއުމަން ރިސޯސް މެނޭޖްމަންޓާއި، ބިޒިނަސް އާއި އެކައުންޓިން ދާއިރާގެ ސެޓްފިކެޓް ލެވެލް އަދި ޑިޕްލޮމާ ލެވެލްގެ ކޯސްތައްވެސް އެތަނުން އޭދަފުށީގައި ކުރިއަށް ގެންދާ ކޯސްތަކުގެ ތެރޭގައި ހިމެނެއެވެ.
ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ފުރުސަތަކީ އަންނަ ޑިސެމްބަރު މަހުގެ 31 އެވެ. އެ މުއްދަތުގައި ކޯސްތަކަށް ވަނުމަށް ހުށަހަޅާ ކުދިންނަށް 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށްވެސް އެ ކޮލެޖުން ބުނެއެވެ.
މި ކޯސްތަކާ ގުޅޭ މައުލޫމާތު ދިނުމަށް މި މަހުތެރޭ އެ ކޮލެޖުގެެ އޯޕަން ޑޭ އެއް މިއަތޮޅުގައި ބޭއްވުމަށްދަނީ ތައްޔާރުވަމުންނެވެ. ކޯސްތާކާގުޅޭ އިތުރު މައުލޫމާތު 9692244 އިން ލިބޭނެ އެވެ.
ކޯސް ފަށަން ހަމަޖައްސާފައި ވަނީ ޖެނުއަރީ 1، 2016 ގަ އެވެ.
މައި ކޮލެޖުގެ ކޯސްތައް މިރަށުގައި ފަށަން ތައްޔާރުވަމުންދާއިރު އޭދަފުށީގައި ހުންނަ ވިލާ ކޮލެޖުގެ ކެމްޕަހުގައިއަންނަ އަހަރުފަށާ ކޯސްތަކަށްވެސް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.