މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން ބާއްވާ ކުއިޒް މުބާރާތް މިރޭ އޮންނާނެ ކަމަށް އެ ސެންޓަރުން ބުނެފި އެވެ.
ފެމެލީ ސެންޓަރުން ބުނީ މިރޭ 8:30 ގައި މަލްޓިޕާޕަސް ހޯލުގައި ފަށާ މި ކުއިޒް މުބާރާތް މާދަމާ ރޭގެ ނިޔަލަށް ދެމިގެންދާނެ ކަމަށެވެ.
ފެމިލީ ސެންޓަރުން ބުނީ އިޖްތިމާއީ ކަންކަމުގައި އާއްމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރި ކުރުމާއި، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުންކަމުގެ މަގުސަދުގައި އަށާރަ އަހަރުން މަތީގެ ދެ ޖިންސުގެ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ މި ކުއިޒް މުބާރާތުގައި 11 ޓީމު ބައިވެރިވެފައިވާ ކަމަށެވެ.
ފެމެލީ ސެންޓަރުން ބުނިގޮތުގައި މި ކުއިޒުގައި ހުށަހަޅާ ސުވާލުތައް އަމާޒުކޮށްފައިވާނީ އަންހެނުންނަށް ޚާއްސަ މައުލޫމާތުގެ އިތުރުން ފެމެލީ ސެންޓަރާއި ގުޅުންހުރި މައުލޫމާތުތަކުގެ މައްޗަށެވެ.
މި ކުއިޒުން އެއްވަނަ އަށް އަންނަ ޓީމަކަށް 1500ރ. އަދި ދެވަނަ ޓީމަކަށް 500ރ ދޭގޮތަށް އެ ސެންޓަރުންވަނީ ހަމަޖައްސައިފަ އެވެ.