
ބ. އޭދަފުށީ ހިއްކި ސަރަހައްދު ހިމާޔަތްކުރަން ރިވެޓްމެންޓް ޖެހުމަށް ހިންގާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާގޮތާމެދު ހިތްހަމަ ނުޖެހިގެން ރައްޔިތުން އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އޭދަފުށީ ރިވެޓްމަންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް އެމްޓީ ހޯގާޑުން ފެށީ މިދިޔަ އޯގަސްޓް މަހު ތެރޭގަ އެވެ. އެ ކުންފުނިން ރަށުގެ އިރު ދެކުނުން ހުޅަނގަށް 1300 އެއްހާ މީޓަރުގައި ބޮޑުހިލަ ޖަހާނެ އެވެ.
މި މަސައްކަތް ފެށި ތަނާހެންވެސް މަސައްކަތުގެ ފެންވަރު ދަށްކަމުން ރަށްޔިތުން ކަންބޮޑުވުން ފާޅުކުރުމުން ހައުސިން މިނިސްޓްރީން ހޯގާޑަށް އޭރުވަނީ މަސައްކަތް އަލުން ކުރުމަށް އަންގާފަ އެވެ.
“އީޓީ” އާ ވާހަކަދެއްކި މިރަށުގެ ބައެއް މީހުން ބުނިގޮތުގައި ދެވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ ފެންވަރު ވަރަށް ދަށެވެ. އަދި ބަދަލުތަކެއް ނުގެނަސް އެކަން އެގޮތަށް ކުރަމުންދާނަމަ މާގިނަ ދުވަސްތަކެއް ނުވަނީސް ހިއްކި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބޭ އެވެ.

“މިކަމަކާ މިރަށު ކައުންސިލުން ކަނބޮޑުވެގެން އުޅޭތަނެއް ނުފެނޭ. ދެން ޖެހޭނީ ރައްޔިތުން ނުކުމެ ސަރުކާރުގެ ސަމާލުކަމަށް ގެންނަން،”
ރައްޔިތުންގެ ކަންބޮޑުވުންތައް ބައެއް އާއްމުންވަނީ ރަށު ކައުންސިލަށާއި އަތޮޅު ކައުންސިލަށްވެސް ހުށަހަޅައިފަ އެވެ.
މިކަމާގުޅޭގޮތުން މިރަށު ކައުންސިލުގެ ރަސްމީ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.
ރިވެޓްމަންޓް ޖެހުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިދިޔަ އޮކްބޯބަރުމަހުތެރޭ ވަނީ އެއްކޮން ނިންމާލައިފަ އެވެ. ސަބް ކޮންޓްރެކްޓެއްގެ ދަށުން ހެވީ ފޯސް އިން ކުރި އެ މަސައްކަތުގެ ފެންވަރު ވަރަށް ރަނގަޅުކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.