އޭދަފުށީގެ ވަށައިގެން ބޮޑުހިލަޖަހާފައިވާ ސަރަހައްދުގެ މޫދަށް އެރުމަށް ހާއްސަ ސިޑިއެއް ބަހައްޓައިފި އެވެ.
އޭދަފުށީ ދެކުނުފަރާތު ޔޫސުފްކަލޭފާނު މަގާދިމާއިން އަތިރީގައި މި ސިޑި ބަހައްޓާފައިވަނީ އެސަރަހައްދުގައި ދިރިއުޅޭ އާންމު ބައެކެވެ.
ސިޑި ބެހެއްޓުމުގައި އިސްކޮށް އުޅުނު އެއްފަރާތްކަމުގައި އިބްރާހީމް އަބޫބަކުރު (ޖޯން) ބުނީ މިއީ އެ ސަރަހައްދަށް މޫދަށް އެރުމަށް ބޭނުންވާ މީހުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް ބޭރުގެ ފަރާތެއްގެ އެހީގައި ކުރިޔަށްގެންދެވުނު އިޖްތިމާއީ މަސައްކަތެއް ކަމަށެވެ.
އޭނާ ބުނީ ސިޑީގެ އިތުރުން އަދި އިތުރު މަސައްކަތްތަކެއްވެސް އެ ސަރަހައްދުގައި ކުރުމަށް ވިސްނާފައިވާކަމަށާއި ބޭނުމަކީ މޫދަށް އެރޭ މީހުން ހިތްހަމަޖެހޭ ސަރަހައްދަކަށް އެތަން ހެދުން ކަމަށެވެ.
” ސޮނެވާފުށީގައި ވަޒީފާ އަދާކުރާ ބޭރުމީހެއްގެ އެހީއާއެކު މިކަން މިކުރީ މި ސަރަހައްދުގައި އުޅޭ މީހުން. އެއީ ނިހާދާ، ފާއިޒާ، އަހުމަދު ހަސަނާ މިކަހަލަ މީހުންކޮޅެއް. ހަމަ އިޖްތިމާއީ މަސައްކަތެއްގެ ގޮތުގަ ކުރިޔަށް މިދިޔައީ. ވަރަށް ބޮޑު ލުއިފަސޭހަކަމެއް މިހާރު ލިބޭނެ މޫދަށް އެރޭ މީހުންނަށް. މީ ފުރަތަމަ ފިޔަވަހި. އަމާޒަކީ ކުރިޔަށް އޮތްތަނުގައި މި ސަރަހައްދަކީ އާންމުން ހިތްހަމަޖެހޭ ތަނަކަށް ހެދުން”
އިބްރާހީމް ބުނީ ސިޑި ބެހެއްޓުމުގެ މަސައްކަތަށް ރަށުގެ ހެޔޮއެދޭ އެކިފަރާތްތަކުން ސަޔާ، ކެއުންފަދަ ތަކެތި ވަރަށް ގިނައަދަދަކަށް ލިބުނު ކަމަށާއި، އެކަމާ އުފާކުރާ ކަމަށެވެ. އަދި އެސަރަހައްދުގެ އުނދޯލި ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ފުޅާކުރުމަށް ވިސްނާ ކަމަށް އިބްރާހީމް ބުންޏެވެ.