އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި ސަރުކާރުން މަޖްލިސްއަށް ހުށަހެޅި ބިލް ފާސްކޮށް، ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ މިނިވަންކަން މިއަދު މިވަނީ ނިގުޅައިގެންފަ އެވެ.
ސަރުކާރުން ހުށަހަޅައިގެން މިއަދު މި ބިލު ފާސްކުރިނަމަވެސް ޕީޕީއެމްގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު (ރެޑްވޭވް ސަލީމް) ބިލަށް ވޯޓަށް އެހި ވަގުތު މަޖިލިހަށް ވަޑައިނުގަންނަވާތީ، މި ވޯޓުގައި ބައިވެރިވަޑައެއް ނުގަންނަވަ އެވެ. ސަލީމުގެ މި ނިންމެވުމަށް އީޓީގެ ފަރާތުން މަރުހަބާ ކިޔަމެވެ․
ސަލީމުވަނީ މަޖިލީހުގެ ތަޅުމުގައި ސަރުކާރުން ހުށަހަޅާފައިވާ ބިލަކާމެދު ކަންބޮޑުވެ، ކުރިން ވާހަކަ ދައްކަވައިފަ އެވެ․
އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ބިލުގެ ސަބަބުން ޚިޔާލުފާޅުކުރުމުގައި ގަލަމުގެ މިނިވަންކަން އޮންނަންވާނެކަމަށާއި އެ މިނިވަންކަން ހުއްޓިގެން ނުވާނެކަމަށް ސަލީމު ވަނީ ވިދާޅުވެފަ އެވެ.
މިއީ ސަލީމު މިގޮތަށް މަޖިލީހުގެ ތަޅުމުގައި ސަރުކާރުން ހުށަހަޅާފައިވާ ބިލަކާމެދު ކަންބޮޑުވެ، ވާހަކަ ދައްކައި އަދި މިފަދަ ވޯޓެއްގައި ބައިވެރިވަޑައިނުގެންނެވި ފުރަތަމަ ފަހަރެކެވެ․
ސަލީމުގެ އިތުރުން ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު ވެސް މިއަދު ވޯޓުގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ․ އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވޯޓް ދެއްވީ ބިލާ ދެކޮޅަށެވެ․ އަލީ ހުސައިންވެސް ވަނީ މި ބިލާ ދެކޮޅަށް ވާހަކަދައްކަވައިފަ އެވެ.
ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ތެރޭގައި ވެސް ހިޔާލު ތަފާތުވުން ބޮޑު ބިލް ފާސްކުރީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 78 މެމްބަރުންގެ ތެރެއިން 47 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 31 މެމްބަރެކެވެ.
އަބުރުގެ ބިލްގެ ނަމުގައި އޮތް ނަމަވެސް، މިއީ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ދީފައި އޮތް ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން، ގާނޫނުއަސާސީގެ މުޅި ރޫހާ ހިލާފަށް ހަނިކުރާ ބިލެއްގެ ގޮތުގައި ނޫސްވެރިން ދިޔައީ ފާހަގަކުރަމުންނެވެ. އަދި ބިލް ދިރާސާކުރި ކޮމިޓީ އަށް އެކި މީޑިއާތަކުން ދިން ލަފާގައި ހިމެނޭ ރަނގަޅު އެއްވެސް ބަދަލެއް ބިލަށް ގެނެސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ކެލާ ދާއިރާގެ އަލީ އާރިފް ބިލަށް ހުށަހެޅުއްވީ ކުރިއަށް ވުރެ ވެސް ގޯސް އަދި ނުރައްކާތެރި އިސްލާހުތަކެކެވެ. އެ ބިލް ފާސްކުރީ އެ އިސްލާހުތަކާ އެކުގަ އެވެ.
ބަލަ މި ބިލު ފާސްކުރިފަހުންދޯ ކަލޭމެން މި ލިއުންތައް ތި ލިއުނީ. އެހެންވީމާ ކޮންކަމެއް މި ބިލުފާސްކުރީމަ ތިޔަ ނޫހަށް އުނިވެގެން ތިޔައުޅެނީ. ދެން ބުނާނީ ތަސްދީގު ނުކުރާ ވާހަކަ. ބަލަ ތަސްދީގު ކުރިއަސް މިގޮތަށް މިވާހަކަ ލިޔެވޭނެ. އެއްވެސް ކަމެއް އުންޏެއް ނުވޭ. ބައެއް މީހުންނަށާއި ނޫސްތަކަށް ވެގެން އުޅޭގޮތަކީ ބޭނުންވާ ބަހުރުވައަކުން އަބަދު ވަގަށް ގޮވާފަ ސާބިތު ނުހިފޭ ވާހަކަތައް ނުލިއެވެންޏާ އެނުވޭ ހިޔާލު ފާޅުކުރެވުނީކަމަކަށް. ހަޖަމުކޮށްބަލަ