
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ މިނިވަން ފުޓްބޯޅަ މުބާރާތުގައި ކުޅޭ އޭދަފުށީ ޓީމު އެކުލަވާލައި ޕްރެކްޓިސް ފަށައިފި އެވެ. މި މުބާރާތުގެ ޒޯން ބުރަށް މިހާރު ކޮލިފައިވެފައިވާ ޓީމުގެ ޕްރެކްޓިސް ކުރިއަށް ގެންދަނީ މިވަގުތު ރަށުގައި ތިބި ކުޅުންތެރިންނާއި އެކުއެވެ.
މިދިޔަ އަހަރު ބޭއްވި މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޯދި އޭދަފުށީ ޓީމަށް މިފަހަރު ގެނައި ބަދަލުތަކާއި އެކު އިތުރަށް ވަނީ ވަރުގަދަވެފައެވެ. މިފަހަރުގެ މުބާރާތުގައި ޓީމުގެ ގޯލު ބަލަހައްޓާނީ ކުރިން އެއްވަނަ ޑިވިޝަންގައި ކުޅުނު އަބްދުﷲ ޒިޔަޒަން އެވެ. ޓީމުގެ ފަހަތް ބެލެހެއްޓުމަށް މިފަހަރު އިތުރުކުރި އެންމެ މުހިއްމު ކުޅުންތެރިޔަކީ އަހުމަދު ހުމައިދު އެވެ. މީގެ އިތުރުން ގޮއިދޫ ޓީމުގެ ހަސަން ސުޖާއުވެސް މިފަހަރުގެ ޓީމުގައި ވަނީ ހިމަނާފައެވެ. މިދިޔަ އަހަރުވެސް ޓީމަށް ކުޅުނު އާދަމް ނިޒާމް (ކިތުނާ) އާއި އިބްރާހީމް މާޖިދު މިފަހަރުވެސް ޓީމުގައި ހިމަނާފައިވާއިރު ޒުވާން ގިނަ ކުޅުންތެރިން ތަކަކަށް ވަނީ ފުރުސަތު ދީފައެވެ.
ޓީމުގައި މިފަހަރުވެސް އެންމެ އިސް ދައުރެއް އަދާކުރާނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުލްމަޖީދު އިބްރާހީމް (މަޖިއްޓޭ) އެވެ. މީގެ އިތުރުން މުޙައްމަދު ފާސިރު (ފާއްޓޭ) އާއި އަޙްމަދު ލަތީފް (ލައްޗޭ) އަދި އިޝާން އިބްރާހީމް (ސައްޓު) މިފަހަރުގެ ޓީމުންވެސް ފެންނާނެއެވެ.
ޒޯން ބުރުގެ އޭދަފުށި ކުޅޭ މެޗް ޝެޑިއުލް
ރ. އަތޮޅު ޗެމްޕިއަން – އޭދަފުށި، ސެޕްޓެމްބަރ 13
އޭދަފުށި – ޅ. އަތޮޅު ޗެމްޕިއަން، ސެޕްޓެމްބަރ 16
ޅ. އަތޮޅު ޗެމްޕިއަން – އޭދަފުށި، ސެޕްޓެމްބަރ 25
އޭދަފުށި – ރ. އަތޮޅު ޗެމްޕިއަން، ސެޕްޓެމްބަރ 28