އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޮފްގައި ރާއްޖޭ އާއި ލާއޯސް ބައްދަލުކުރި މެޗް ރާއްޖޭ ޓީމުން ކާމިޔާބުކޮށްފިއެވެ.
ރަސްމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މިމެޗް ރާއްޖެއިން ކާމިޔާބު ކުރީ 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރާއްޖެ ޓީމުގެ ފުރަތަމަ ލަނޑު 14 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ)އެވެ. ދެވަނަ ހާފް ކުޅުން ފެށިގެން ދިޔައިރުވެސް ރާއްޖެޓީމުން ދިޔައީ ގޯލަށް ނުރައްކާކުރަމުންނެވެ. މެޗްގެ 61 މިނިޓްގައި ރާއްޖެ ޓީމަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)އެވެ. ލާއޯސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ފުރަތަމަ ހަމަލާ ލާއޯސްގެ ކީޕަރު މަތަކުރި އިރު، ރީބައުންސް ބޯޅައިން ސެންޓޭ އުފެއްދި ހަމަލާ ވެސް ކީޕަރު މަތަކޮށްފައިވެ އެވެ. ދަގަނޑޭ ލަނޑު ޖަހާފައިވަނީ ރީބައުންސް އިން އަލުން ލިބުނު ބޯޅައިންނެވެ. ދިވެހި ޓީމުން ކާމިޔާބު ކުރި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން ނިކުތް ހުސެން ނިޔާޒް މުހައްމަދު (ބޮކުރީ)އެވެ. ރާއްޖެ ޓީމުން ކާމިޔާބު ކުރި ފަހު ގޯލް މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އަލީ އަޝްފާގް (ދަގަނޑޭ)އެވެ. މި ލަނޑު އަޝްފާގް ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލީ ރިޒްވާން ދިން ރީތި ބޯޅައަކުންނެވެ.
މި މެޗްގައި ޒުވާން ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު)ގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި އަލީ ރިޒްވާން އަށް ގޯލް ޖަހަން ރަނުގެ ފުރުސަތެއްވެސް ވަނީ މިރޭގެ މެޗްގައި ލިބިފައެެވެ.
ޕްލޭއޯފްގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލާއޯސްގައެވެ. ރާއްޖެ އާއި ލާއޯސް ބައްދަލުކުރާ އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 11 ވަނަ ދުވަހު އެވެ. އެ މެޗަށްފަހު، އެގްރިގޭޓުން ކުރީގައި އޮންނަ ޓީމަކަށް އޭއެފްސީ ކަޕް ކޮލިފައިންގެ ތިންވަނަ ބުރުން ޖާގަ ލިބޭނެ އެވެ.