މަންޓާ އެއާ އިން އަނެއްކާ ވެސް އިތުރު ސީޕްލޭނެއް ގެނެސްފި އެވެ.
މިއީ މަންޓާ އިން ސީޕްލޭންގެ ގޮތުގައި ރާއްޖެ ގެނައި ހަތް ވަނަ ބޯޓެވެ. މި ބޯޓު ގެނެސްފައި ވަނީ ކެނެޑާ އިންނެވެ.
މަންޓާ އެއާ އިން މި ބޯޓު އޮޕަރޭޓް ކުރި ނަމަވެސް، މި ބޯޓު ހާއްސަކޮށްފައި ވަނީ ބ. އަތޮޅުގައި އޮންނަ ދަ ނޯޓިލަސް މޯލްޑިވްސްގެ ފަތުރުވެރިން އުފުލުމަށެވެ. އެގޮތުން، ބޯޓުގެ ބޭރުގައި ލާފައި ވަނީ ވެސް، މަންޓާ އެއާގެ ކުލަތަކުގެ ބަދަލުގައި ނޯޓިލަސްގެ ކުލަތަކެވެ. އަދި މަންޓާ އެއާގެ ނަމުގެ ބަދަލުގައި ނޯޓިލަސްގެ ނަން ވެސް ޖަހާފައި ހުރެ އެވެ.
މި އަހަރު 10 ސީޕްލޭން ގެނައުމަކީ މަންޓާގެ އަމާޒެވެ. ރާއްޖޭގައި އެންމެ ފަހުން ވައިގެ ހިދުމަތް ދޭން ފެށި މި އެއާލައިނުން ސީޕްލޭން އޮޕަރޭޓްކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
މަންޓާ އެއާ އިން މިހާރު ދަތުރު ކުރަމުން އަންނަނީ ދ. އަތޮޅަށާއި ބ. އަތޮޅަށެވެ. ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ހުރިހާ މަންޒިލްތަކަށް ކުރާ ޝެޑިއުލް ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު، މިދިޔަ މަހުގެ ތެރޭގައި ވަނީ ކުޑަހުވަދޫ އަށް ޝެޑިއުލް ދަތުރުތައް އަލުން ފަށާފަ އެވެ.