ވީއައިއޭގައި އުރީދޫން ދޭ އިންޓަނެޓްގެ ހިދުމަތް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އުރީދޫން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން ޓޫރިސްޓުން އައުން ހުއްޓިފައި އޮތުމަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އަންނަން ފެށުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އުރީދޫން ދޭ އިންޓަނެޓް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.
މިގޮތަށް އިންޓަނެޓް ހިދުމަތް ރަނގަޅު ކުރަން ނިންމީ އަންނަ ޓޫރިސްޓުންނަށް ރަނގަޅު ފެންވަރުގެ އިންޓަނެޓް ލިބޭނެ ގޮތް ފަހި ކޮށްދިނުމަށް ކަމަށް އެތަނުން ބުނެ އެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ހާން ކުރައްވާފައިވާ ޓްވީޓްގައި މިކަން އިތުރަށް ވަނީ ތަފްސީލްކޮށްދެއްވައިފަ އެވެ. އެގޮތުން އިތުރުވަމުން އަންނަ ޓޫރިސްޓުންނަށް މަރުހަބާ ކިޔުމާއި މިކަމުގައި ހިތްވަރު ދިނުމުގެ ގޮތުން އެއާޕޯޓުގެ އިންޓަނެޓް ތިން ގުނަ ވަރުގަދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަޖީބް ވަނީ ފަސް ލައްކަ ޓޫރިސްޓުންގެ ޓާގެޓް ހާސިލުވުމާ އެކު ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާޢީ އެމްއޭސީއެލްއަށް މަރުހަބާ ވިދާޅުވެފަ އެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހު އެވެ. އެއަށްފަހު ޖުލައި މަހު ބޯޑަރު ހުޅުވައިލި ފަހުން ކްރިސްމަސް އާއި އާ އަހަރާއި ދިމާކޮށް ރާއްޖެއަށް އަންނަ ޓޫރިސްޓުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއާޕޯޓުން ހިދުމަތް ދިނުމުގައި ކުރިއަށް ވުރެ ލަސްވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރަން ޖެހޭތީ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.