ދިރާގުގެ 2012 އަދި 2013 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑް ނުވަތަ މާލީ އަހަރުގެ ހިއްސާދާރުންނަށް އެންމެ ފަހުން ބަހާ ފައިދާގެ ގޮތުގައި ހިއްސާއަކަށް 4.94 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅައިފި އެވެ.
އެ ކުންފުނީގެ 2012 އަދި 2013 ވަނަ އަހަރުގެ އިންޓަރިމް ޑިވެންޑް ނުވަތަ މާލީ އަހަރުގެ މެދުތެރެއިން ހިއްސާދާރުންނަށް ބަހާ ފައިދާގެ ގޮތުގައި މިދިޔަ ޑިސެމްބަރ މަހުވަނީ ހިއްސާއަކަށް 4.35 ރުފިޔާ ބަހާފައެވެ. ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނީގެ އިންވެސްޓަރ ރިލޭޝަން މެނޭޖަރ މަނާލު ޝިހާބު ވިދާޅުވީ ފައިނަލް ޑިވެންޑްގެ ގޮތުގައި 4.94 ރުފިޔާގެ މަގުން 374.7 މިލިއަން ރުފިޔާ (24.3 މިލިއަން ޑޮލަރ) ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށާއި އެ ފައިސާ ބަހާނީ ދެން އޮންނަ އަހަރީ ޢާއްމު ޖަލްސާގައި ހިއްސާދާރުން ފާސްކުރުމުން ކަމުގައެވެ.
ދިރާގުން ބުނެފައިވަނީ ފައިނަލް ޑިވިޑެންޑް ލިބޭނީ ކުންފުނިން އިޢުލާން ކުރާ ބުކް ކްލޯޝާ ޑޭޓްގައި ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށެވެ. އަދި އެ ކުންފުނިން ބުނީ 2012 އަދި 2013 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑް ބެހުމަށް ބުކް ކްލޯޝާޑޭޓް ޢިއުލާން ކުރާނީ ދެންބާއްވާ އަހަރީ ޖަލްސާގެ ނޯޓިސް އާއެކުގަ ކަމަށެވެ.
އެ ކުންފުނީގެ ޑިވިޑެންޑް ޕޮލިސީގައިވާ ގޮތުން ކޮންމެ އަހަރަކުވެސް ދެފަހަރު ހިއްސާ ބަހާނެ އެވެ. އެއީ، އަހަރުގެ މެދުތެރޭގައި ބަހާ އިންޓަރިމް ޑިވިޑެންޑް އާއި ކުންފުނީގެ މާލީ އަހަރު ނިމުމުން ކަނޑައަޅާ ފައިނަލް ޑިވިޑެންޑްއަށްވާ ފައިސާ އެވެ.
އެގޮތުން މިދިޔަ އަހަރު ސެޕްޓެމްބަރ މަހު ހިއްސާދާރުންގެ ގޮތުގައި ތިބި ދިވެހި ސަރުކާރާއި އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަރލެސްއަށް ހިއްސާއަކަށް 5.39 ރގެ މަގުން ޖުމްލަ 409.9 މިލިއަން ރުފިޔާ ބަހާފައިވާ ކަމަށްވެސް ދިރާގުން ބުނެފައިވެ އެވެ. އަދި އެ ކުންފުނީގެ ހިއްސާ ޢާއްމުންނަށް ވިއްކުމަށް ފަހު މިދޔަ އޮގަސްޓް މަހު 30ވަނަ ދުވަހު ބޭއްވި އަހަރީ ޖަލްސާގައި، އެ ކުންފުނީގެ ހިއްސާދާރުންނަށް ސާފު ފައިދާ އިން ހިއްސާއަކަށް 3.66ރ ބަހަން ނިންމާފައި ވެއެވެ.
ދިރާގުގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 633.9 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.