އުރީދޫ މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

އުރީދޫ މަސް ރޭހުގެ 11 ވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ.

އުރީދޫން ބުނީ މި އިވެންޓްގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އުރީދޫ މަސް ރޭހަކީ ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މަސްބޭނުމުގެ މުބާރާތެކެވެ.

މި ފާއިތުވެދިޔަ އަހަރުތަކުގައި މަސް ބޭނުމުގެ މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބި ދިވެހިންގެ ރޯދަމަހުގެ ބަޔަކަށްވެފަ އެވެ. އުރީދޫން ބުނީ މިއީ ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާ އެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުސަތެކެވެ. މުޅި ރޯދަ މަހަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ، ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހު މަސް ރޭސްގެ 11 ވަނަ ސީޒަން އިއުލާން ކުރީ ނުހަނު އުފަލާ އެކު ކަމަށެވެ. މަސް ރޭސް މިވަނީ ރައްޓެހިންނާއި އާއިލާ އަދި އެކުގައި މަސައްކަތް ކުރާ ބޭފުޅުންނާ އެކު ގުޅުންބަދަހިކޮށް ރަނގަޅު ވަގުތުތަކެއް ހޭދަކުރުމުގެ ގޮތުން ކުރެވިދާނެ ކަމަކަށްވެފަ އެވެ.

“މަސް ރޭހުގައި ބައިވެރިވުމަށް އަބަދުވެސް ރިކުއެސްޓް ލިބޭ. އެހެންކަމުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ރައްކާތެރި މާހައުލެއްގައި އުރީދޫ މަސް ރޭސް 2022 ބޭއްވޭކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާކަމެއް،” ނިޔާޒް ވިދާޅުވި އެވެ.

މި މުބާރާތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 50،000ރ. ލިބޭނެ އެވެ. އެންމެ ގިނަ މަސް ބާނާ މީހަކަށް 5،000ރ. ލިބޭ އިރު އެންމެ ބަރު މަސް ބާނާ މީހަކަށް 5،000ރ. ގެ އިނާމެއް ލިބޭނެ އެވެ.

މި މުބާރާތުގެ ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަ ވަނީ މެއި 1 ވަނަ ދުވަހު އެވެ. މަސް ރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު، އުސްފަސްގަނޑުގައި ބޮޑުބެރުގެ ހަރަކާތްތައް އޮންނާނެ އެވެ. މީގެ އިތުރުން ވަނަތައް ހޯދާ ފަރާތްތަކަށް އިނާމް ހަވާލުކުރުމުގެ ރަސްމިއްޔާތު ވެސް އޮންނާނެ އެވެ.

ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް ކުންފުނިތަކުން އަދި އާންމު ރައްޔިތުން ވެސް ޓީމްތައް ހަދައިގެން މަސްރޭހުގެ މި ފޯރިގަދަ ސީޒަންގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސްއިން ދައުވަތު އަރުވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.