އަންނަ މޭ މަހުގެ 16 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކެމްޕެއިނަށް މިއަދު ބ. އަތޮޅަށް ވަޑައިގެންފި އެވެ.
އިންތިގެ ކެމްޕެއިން ޓީމުން މިއަދުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ހަރަކާތްތެރިވާނީ ބ. އަތޮޅުގެ ރަށްރަށުގަ އެވެ.
އިންތިއާއެކު، ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ދަތުރުގައި ބ. އަތޮޅުގެ ހުރިހާ ރަށަކަަށް ވަޑައިގެން އެމްޑީޕީގެ އާންމު މެންބަރުންނާ އިންތި ބައްދަލު ކުރައްވާނެ ކަމަށާއި ދޮރުންދޮރަށް ހިންގަވައި ކެމްޕެއިން އިވެންޓުތައް ބާއްވާނެ ކަމަށް އެ ޓީމުން ބުންޏެވެ.
ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، އިމްތިޔާޒް އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ދޮރުން ދޮރަށް ހަރަކާތް ހިންގަމުންނެވެ. އަދި ޗެއަރޕާސަންކަމުގައި ކުރަން ހުށަހަޅާ ކަންކަންވެސް އިއުލާނު ކޮށްފައިވެއެވެ.
އިމްތިޔާޒް ފަހުމީއާ މި އިންތިހާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ. ފައްޔާޒާއި އޭނާގެ ކެމްޕެއިން ޓީމު ވެސް އިއްޔެ ބ. އަތޮޅަށް ވަޑައިގެން ކެމްޕެއިނާއި ޑޯޓުޑޯގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.