ބ. ދަރަވަންދޫގެ ފެނުގެ ނިޒާމު އިފްތިތާހުކޮށް އެ މަސައްކަތް ހިންގުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
ދަރަވަންދޫގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އެހީތެރިވެ، ދާއިރާއާ ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދަރަވަންދޫ ފެނުގެ ނިޒާމުގެ މަޝްރޫއުގެ ދަށުން 25 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާފައިވާއިރު، މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 50 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ވަނީ ލިބިފައެވެ. އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ބަހައްޓައިފައިވާއިރު 11.2 ކިލޯމީޓަރު ދިގުމިނުގެ ފެންވިއުގައެއް ވެސް ވަނީ ގާއިމުކޮށްފައެވެ.
މީގެ އިތުރުން ވާރޭ ފެން ރައްކާކުރުމަށް އިތުރު 600 ޓަނުގެ ތާނގީއެއް އެ ރަށުގައި ވެސް ވަނީ ބަހައްޓައިފައެވެ. މި މަޝްރޫއުގެ ތެރެއިން ފެނުގެ ޒަމާނީ ނިޒާމެއް ދަރަވަންދޫގައި ގާއިމްކޮށް 362 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައިފައެވެ.
އަދި ފެނުގެ ނިޒާމު ހިންގުމަށް ހަމަޖެހިފައިވަނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެންނެވެ. އެގޮތުން ފެން އުފެއްދުމުގެ ޚަރަދު ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތަށް ދެމެހެއްޓެނިވި ޚިދުމަތެއް ދިނުމުގެ ގޮތުން 25 ކިލޯވޮޓުގެ ސޯލާ ފެނަލް ދެ ރަށުގައި ވެސް ވަނީ ގާއިމުކޮށްފައެވެ. އެއާއެކު ހިންގުމުގެ ޚަރަދުން 30 ޕަސެންޓު ކުޑަކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ދަރަވަންދޫގެ ފެނުގެ މަޝްރޫއު ހިންގާފައި ވަނީ ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ އިތުރުން ދިވެހި ސަރުކާރާއި ޔޫއެންޑީޕީގެ އެހީތެރިކަމާއެކުގައެވެ.
ދަރަވަންދޫ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑުންނެވެ.