
މިދިޔަ ހަފްތާ ބަންދުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު، ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށްރަށުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
ރައީސް ނަޝީދު މި ދަތުރުފުޅުގައި ބ. އަތޮޅުން ފުރަތަމަ ވަޑައިގެންނެވީ މިއަތޮޅު ކުޑަރިކިލަށެވެ. ކުޑަރިކިލަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ހަރުގެ ހުޅުއްވައި ދެއްވައި ޕާޓީގެ ބޮޑު ދިދަ ވަނީ ނަންގަވައިދެއްވާފައެވެ. އަދި އެރަށުގެ ރައްޔިތުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށުގެ ތަރައްޤީ ލިބޭނީ ކައުންސިލްތައް ވަރުގަދަވެގެންކަމަށެވެ.
ރައީސް ނަޝީދު ދެން ވަޑައިގެންނެވީ، މިއަތޮޅު ކަމަދޫއަށެވެ. ކަމަދޫން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ކަމަދޫގައިވެސް އެރަށުގެ އެމްޑީޕީ ޖަގަހަ ހުޅުއްވައިދެއްވައި އެމްޑީޕީގެ ދިދަވެސް އެރަށުގައި ވެސް ވަނީ ނަންގަވައިދެއްވާފަ އެވެ. ކަމަދޫގެ އެމްޑީޕީ ސަޕޯޓަރުންނާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ އުޞޫލަކީ އަޅުގަނޑުމެންގެ ވާދަވެރިން އެއްގޮތަކަށްވެސް ތާއީދުކުރި އުޞޫލެއް ނޫންކަމުގައި ވިދާޅުވިއެވެ.
ކަމަދޫއަށްފަހު، ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ކިހާދޫއަށެވެ. ކިހާދޫ ރައްޔިތުންވެސް ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި އެރަށުގައިވެސް އެމަނިކުފާނު އެމްޑީޕީގެ ހަރުގެ ހުޅުވައިދެއްވިއެވެ. ކިހާދޫގެ ރައްޔިތުންނާއި އަދި އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާތަބްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ “3 ފޫޓަށް ފިޔަވަޅުއަޅާ އަދި ބާރު ސްޕީޑްގައި ކަންކަން ކުރާ ޕާޓީއެއް” ކަމަށެވެ.
ބ. އަތޮޅުން ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ދޮންފަނަށެވެ. ދޮންފަނުގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވުމަށްފަހު، ޕާޓީގެ ސަޕޯޓަރުންނާއި އަދި ދޮންފަނު ރައްޔިތުންނާ މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޤައުމަށްޓަކައި ކުރާ ކޮންމެ ކަމަކީ އިންސާނިއްޔަތަށް ފައިދާހުރި ކަންކަމަށް ވާންޖެހޭނެކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުޙައްމަދު ނަޝީދު ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލްގެ ގޮތުގައި އެމަނިކުފާނު ވަޑައިގެންނެވީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫއަށެވެ. ދަރަވަންދޫއަށް ރައީސް ނަޝީދު ފައިބާ ވަޑައިގަތުމާއެކު އެރަށުގެ ރައްޔިތުން ވަނީ ވަރަށްވެސް ޙޫނު މަރުޙަބާއެއް އެމަނިކުފާނަށް ދަންނަވާފައެވެ.
ރައީސް މުޙައްމަދު ޅ އަތޮޅަށާއި ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ ރޭ ގެ ވަގުތެއްގައެވެ.