ބ. ކިހާދޫ ބަނދަރު ހެދުމުގެ މަސައްކަތް މި މަހު ނިމޭނެ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރާ ހަވާލާދީ ކިހާދޫ ކައުންސިލުގެ ރައީސް ހުސައިން ޝާފިއު ޕީއެސްއެމް ނިއުސް އަށް ވިދާޅުވީ، ކުރިން މިއަހަރުގެ މާރިޗް މަހަށް ބަނދަރުގެ މަސައްކަތް ނިންމާލުމަށް ކަނޑައެޅި ނަމަވެސް އެކަން ނުވީ ބޭނުންވާ ބައެއް ސާމާނު ލިބުން ދަތިވުމުން ކަމަށެވެ. އެހެންނަމަވެސް މިހާރު މިމަސްތެރޭ ބަނދަރު ތަރައްގީކޮށް ނިންމާލެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ހުސެއިން ޝާފިއު ވިދާޅުވިއެވެ.
ކިހާދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖެހުމުގެ މަސައްކަތާއި އެއްގަމު ތޮށީގެ މަސައްކަތްވެސްވަނީ ނިންމާލާފައެވެ. އެ ބަނދަރުގައި މިހާރު ކުރަމުންދަނީ އެއްގަމު ތޮށިލާފައި އޮތް ސަރަހައްދުގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ.
މި މަސައްކަތް ވެސް މިހަފްތާތެރޭގައި ނިމޭނެކަމަށް އެރަށު ކައުންސިލުން ބުނެއެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީ ކުރި މިބަނދަރު ހިމެނޭ ސަރަހައްދުގައި ބަނދަރު ބައްތި ހަރުކޮށް ބަނދަރަށް ވަދެ ނުކުމެ ހެދުމަށް ހަދާ ނެރު ފުންކޮށް ނެރު ބައްތި ޖަހާ ފަޅުގެ ފުންމިން ލެވެލްކުރުމުގެ މަސައްކަތް ވެސް މިހާރުވަނީ ނިންމާފައެވެ.
ވަރަށްބޮޑަށް ހަލާކުވެ މަރާމާތު ނުކުރެވި 15 އަހަރުވެފައިވާ ކިހާދޫ ބަނދަރު ހެދުމުގެ މަސައްކަތަށް 31 މިލިއަން އަށް ހޯގާޑާ ހަވާލުކުރީ އޮކްޓޯބަރު، 2020 ގަ އެވެ. އަދި އަމަލީ މަސައްކަތްތައް ފެށީ މާޗު 9، 2021 ގަ އެވެ.
އެމްޓީ ހޯގާޑުން އަންނަނީ ކިހާދޫ ބަނދަރުގެ އިތުރުން މިއަތޮޅު ކުޑަރިކިލާއި ދޮންފަނު ބަނދަރު ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.