ރިސޯޓް ބިމު ކުލި ނުދައްކާ ރިސޯޓްތަކުގެ ލިސްޓުގައި ބ. އަތޮޅުގައި ހިންގާ ކިހާ މޯލްޑިވްސް އާއި ބ. ދުނިކޮޅުގައި ހިންގާ ޕާމް ބީޗް ރިސޯޓްގެ ނަން އިއްޔެ މީރާއިން އާއްމުކޮށްފި އެވެ.
ޓޫރިޒަމް ބިމު ކުލި ނުރައްކާ 12 ރިސޯޓަކާއި ދަނޑުވެރިކަމަށް ދޫކޮށް ކުލި ނުދައްކާ ހަތަރު ކުންފުންޏެއްގެ ނަން އިއްޔެ މީރާއިން އާއްމުކޮށްފައިވެ އެވެ.
ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމު ކުރަން މީރާ އިން އެކުލަވާލާފައިވާ “ނޭމް އެންޑް ޝޭމް” އުސޫލުގެ ދަށުން މީރާގެ ޓެކްސް ސެންޓަރުގެ ބޯޑުގައި އާއްމުކުރި ޓޫރިޒަމް ދާއިރާގެ 12 ރިސޯޓުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓުތައް ވެސް ހިމެނެ އެވެ. މިގޮތުން ދައުލަތަށް ލިބެން ޖެހޭ މި ފައިސާއަކީ މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތަށް ދައްކަން ޖެހި އެ ފަރާތްތަކުން ނުދައްކާހުރި ފައިސާ އެވެ.
ކުލި ނުދައްކާ 12 ރިސޯޓް
1. އައްޑޫ ސައުތު ޕާމް މޯލްޑިވްސް
2. ތުރީއޭ ކުންފުނީގެ ފިލިތެޔޮ
3. އަތަމާ މެރިން އިންޓަނޭޝަނަލްގެ ކިހާ މޯލްޑިވްސް
4. އޭބީއެންގެ ބްރެނިއާ ކޮއްޓެފަރު
5. ރީކޯ މޫސަގެ ރަހާ ރިސޯޓް
6. ބޮން ފްރީގެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓް
7. ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ އާއިލީ ވިޔަފާރި، މެދުފުށި އިންވެސްޓްމަންޓުގެ މެދުފުށި އައިލެންޑް ރިސޯޓު
8. ޕްލެޓިނަމް ކެޕިޓަލްގެ އެރިއަދޫ ރިސޯޓު
9. ސަންލޭންޑުގެ ކޮކޯ ޕާމް ދުނިކޮޅު، ބިޔާދޫ
10. ސަންލޭންޑުގެ މަކުނުދޫ އައިލެންޑް ރިސޯޓު
11. ތެލުވެލިގާ ރިޓްރީޓުގެ ތެލުވެލިގާ ރިޓްރީޓް
12. ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ބައްޕަ އަބްދުﷲ އަލީގެ ހޮނޑާފުށި އައިލެންޑް ރިސޯޓު
ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ނުދައްކަހުރިކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ހެދި އޮޑިޓުގައި ބުނެފައިވެ އެވެ. މިގޮތުން ދައްކަން ޖެހޭ ފައިސާގެ އަދަދު 17 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެ ފައިސާ ހޯދަން އޮޑިޓަ ޖެނެރަލް ލަފާ ދީފައިވެ އެވެ.