އޭދަފުށީ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހިއްސާ ކުރެއްވުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި، ރައީސް ދެއްވީ އުއްމީދީ ޖަވާބެއް ކަމަށް އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކުގެ ތެރެއިން ރަށުގެ ބަނދަރުގެ ދަތިކަމާއި، ރަށް ހިމާޔަތްކުރުމަށް ލާފައިވާ ރިވެޓްމަންޓް މަރާމާތުކުރަން ބޭނުންވެފައިވާކަމާއި، ރަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭނުންވާކަމާއި އަދި ބ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް އުމުރާނީ ގޮތުން ހޮސްޕިޓަލަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން ރަށުގެ މަގުހެދުމުގެ މަސައްކަތުގައި ފުރިހަމަނުވެ ހުރި މަސައްކަތްތައް އަވަހަށް ނިންމުމާއި މިހާރު ނުހަދާހުރި މަގުތައް ތަރައްޤީކުރަން ބޭނުންވާކަމާއި އަދި ފުޓްސަލް ދަނޑުފަދަ ޒުވާނުންނާއި ރަށުގެ އިޖްތިމާޢީ ކުރިއެރުމަށް ބޭނުންވާކަންކަމާ ގުޅޭގޮތުން ވެސް މި ކައުންސިލުގެ މެންބަރުން ވަނީ ރައީސާ މަޝްވަރާކޮށްފަ އެވެ.
“އަޅުގަނޑުމެންނަށް ވަރަށް އުއްމީދީ ޖަވާބެއް ރައީސް ދެވީ، ރައީސް ދެއްވި ޖަވާބަށް އަޅުގަނޑުމެންނާ އަދި އޭދަފުށީ ރައްޔިތުންނަށް ވެސް އުއްމީދު ތަކެއް ލިބިގެންދާނެ ކަމަށް. އަޅުގަނޑު އުއްމީދުކުރަނީ މި އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިގެން އެކަންތައް ފެށިގެންދާނެ ކަމަށް،” ފާތިހު ވިދާޅުވި އެވެ.
ފާތިހު ވިދާޅުވި ގޮތުގައި ރައްޔިތުންނާ ސަރުކާރާ ގުޅިގެން މަޝްވަރާކޮށްގެން ކަންކަން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމުކަމެކެވެ.
ކައުންސިލަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު ރައީސް ވިދާޅުވީ، ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އޭދަފުއްތަށް ހޭންޑްބޯލް ކޯޓެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.