ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 12 ގެ ދަރިވަރުން ބ. އަތޮޅަށް މިއަދު ޒިޔާރަތްކޮށްފި އެވެ.
މި ދަތުރުގައި ބައިވެރިވާ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިން ޓީޗަރު އައިޝަތު އަބްދުﷲ ވިދާޅުވީ އެ މަރުކަޒުގެ އޭލެވެލް ދަރިވަރުންގެ މި ދަތުރެއްގައި އެ ސްކޫލުގެ ގްރޭޑް 12 ގެ 36 ދަރިވަރުން ބައިވެރިވާ ކަމަށެވެ. ދަތުރުގައި ދެން ބައިވެރިވަނީ ބައެއް ޓީޗަރުންނާއި ބެލެނިވެރިންނެވެ.
އައިޝަތު ވިދާޅުވީ އަންނަ ހޯމަ ދުވަހާ ހަމައަށް އެ ދަރިވަރުން އޭދަފުށީގައި މަޑުކުރާނެ ކަމަށެވެ.
އެ މުއްދަތުގައި ބ. އަތޮޅުގެ ބައެއް ރިސޯޓްތަކާއި ބަޔޮސްފިއާ ރިޒާވުގެ ދަށުން މިއަތޮޅުގައި ހިމާޔަތްކޮށް ބަލަހައްޓަމުން އަންނަ ބައެއް ތަންތަން ޒިޔާރަތްކުރުމުގެ އިތުރުން މިއަތޮޅުގެ ބައެއް ރަށްރަށަށް ވެސް ޒިޔާރަތްކުރާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.
އައިޝަތު ވިދާޅުވީ މިއީ ކޮވިޑަށް ފަހު އެ ސްކޫލުން މިގޮތަށް ބާއްވާ ފުރަތަމަ ދަތުރު ކަމަށާއި މިފަދަ އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދަރިވަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. އަދި އެ ދަތުރުތަކުން ދަރިވަރުންނަށް އާ ކަންކަން ދަސްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ދަތުރުގައި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމު އޭދަފުށީގައި ތިބޭ ދުވަސްތަކުގައި ހުރިހާ ކަމެއް ހަމަޖައްސާފައިވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ.