ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ލ. ގަމާ ދެކޮޅަށް ކުޅެ 4-2 އިން މެޗު ކާމިޔާބު ކޮށްގެން ބ. އޭދަފުށިން ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދި އިރު، ރާއްޖޭގެ ފުޓްސަލް ކިންގަކަށް ގަން ޓީމުގެ އިޝަން އިބްރާހީމް (ސައްޓު) ހޮވިއްޖެ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސައްޓު އޭދަފުއްތަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން އިރު، އޭގެ މާގިނައިރުތަކެއް ނުވަނީސް އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރެވެ. އޭދަފުށީ ޓީމުގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި އަލީ ފާސިރު (ސެންޓޭ) އެވެ.
އެ މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ގަމުގެ ހުސައިން ޝަރީފް (އޮންލީ) އާއި އެޓީމުގެ އަލީ ޝާމިސް (ތޮއްޕެ) އާއި އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) އާއި އެޓީމުގެ ހައިޝަމް ހަސަން (ބިޑި) އަދި ކ. ގާފަރުގެ އަލީ މާއިސް (މައްޓު) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ އޭދަފުށީގެ ކީޕަރު އަބްދުﷲ ނާސިހުއެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ގަމުގެ ކޯޗު އިސްމާއިލް ޝަރީފް ހޮވުނު އިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އއ. މަތިވެރީގެ 18 އަހަރުގެ ކުޅުންތެރިޔާ އަލީ އަލްސަންއެވެ. އަދި މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދީ ފ. ބިލެތްދޫގެ މުހައްމަދު ޒީދާން ޒުހުރީއެވެ. އޭނާ ވަނީ ޖުމުލަ 18 ގޯލު ޖަހައިފައެވެ.
މިއީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ “ގޯލްޑަން ފުޓްސަލް ޗެލެންޖް” ގެ އަށް ވަނަ މުބާރާތެވެ. މި އަހަރުގެ މުބާރާތުގައި 129 ރަށަކުން ބައިވެރި ވެފަ އެވެ.