
އޭދަފުށީގައި ގޯތި ދޫކުރުން ލަސްވަމުންދާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައާ ގުޅިގެން މިރަށުގައި ސުލްހވެރި މުޒާހަރާތައް ކުރަމުން އަންނަ އިސްފަރާތްތަކުން ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހު އާ ބައްދަލުކުރައްވައިފި އެވެ.
ރޭ އަތޮޅު ކައުންސިލުގައި ބޭއްވި އެ ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ ރައީސް އަފްރާހު ވިދާޅުވީ، ރަށްރަށުން އަންނަން ޖެހޭ ހުރިހާ މަޢުލޫމާތެއް މިހާރު ހުރީ ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު އަންނަ އާދީއްތަ ދުވަހު އޭދަފުށީ ކައުންސިލާ ހިއްސާ ކުރާނެ ކަމަށް އަފްރާހު ވިދާޅުވި އެވެ.
އޭދަފުށީގައި ގޯތި ނުދީ ލަސްވެގެންދާ ކަމަށް ލަފާކުރެވެނީ ކީއްވެތޯ އާއި، ގޯތި އެ ރަށްރަށުން އެހާ ފަސޭހައިން ދެވިފައި ހުރީ ކީއްވެތޯ އާ ގުޅޭ ގޮތުން ރައީސް އަފްރާޙަށް މުޒާހަރާގެ އިސްފަރާތްތަކުން ވަނީ ސުވާލުކުރައްވާފަ އެވެ.
“އަޅުގަނޑަށް ފާހަގަވާ ގޮތުގައި އެ ލަސްވާ ލަސްވުމެއް އަންނަނީ ލޭންޑް ޔޫސް ޕްލޭން ފުރިހަމަ ނޫން ކަމުން، ގޯތި ދެވިފައި ހުރި ރަށްރަށުން ގޯތި ފަސޭހަކަމާ އެކީ ދެވިފައި ހުރީ ލޭންޑް ޔޫސް ޕްލޭން ފުރިހަމަ ކަމުން އަދި ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ރައްޔިތުންގެ ހިޔާލު ހޯދާފައިވާ މިންވަރު އެއީ ވަރަށް އިފެކްޓިވް ކަމެއް. ރާއްޖޭގެ ހުރިހާ ރަށަކުން އަދި މިނިސްޓްރީން އަދި އެޗްޑީސީގެ ފަރާތުން ފިޒިކަލް މަޢުލޫމާތު ހޯދުމުގެ ޕްރޮސެސް ދިގުވާ ކަމީ ވަރަށް ކަންބޮޑުވާ މައްސަލައެއް. ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގައި އެ ބޯހިޔާވަހިކަމަށް އެދޭ ފަރާތުގެ ގެދޮރުވެރިކަން ސާފުކުރުމަށް ނޭޝަނަލް ލެވެލްގައި ޕޯޓަލެއް އެދެވޭ ގޮތުގައި ނެތުން އެއީ ލަސްވާ ސަބަބެއް.”
އަފްރާހު ވިދާޅުވި ގޮތުގައި ރައްޔިތުން އަޅުގަނޑުމެންނާ ތިގޮތަށް ބައްދަލުކޮށް އޭދަފުށީ ކައުންސިލް އިތުރަށް ޒިންމާދާރު ކުރުވުމަށް ތި ހުށަހަޅާ ދޮރެއް ކަމާއި، އެ ދޮރުން ވަދެވޭނީ، ވަދެވޭނެ ގޮތްތަކެއް ހަދައިދީގެން ކަމަށެވެ. އަދި ރަށުގެ ކަންބޮޑުވުން އަތޮޅު ކައުންސިލާއި ހަމައަށް ރައްޔިތުންނަށްވެސް ގެނެވޭނެ ކަމަށައި ރައްޔިތުންނަށް އެ ފުރުޞަތު އެބަ އޮތް ކަމަށްވެސް އަފްރާހް ވިދާޅުވި އެވެ.
އަފްރާހު ވިދާޅުވީ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށް އެއް އަމާޒަކަށް ދަތުރު ކުރަންވީ ކަމަށާއި އަމާޒަކަށް ވާންވާނީ ރައްޔިތުންނަށް ހެޔޮ ގޮތް ފަސޭހަ ގޮތް ހޯދައިދިނުން ކަމަށެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޕޮޒިޓިވްކޮށް ނަންގަވައިގެން އެންމެ އެދެވޭ ގޮތުގައި ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދިނުމަކީ އިންތިޚާބީ ކޮންމެ ފަރާތެއްގެވެސް ޒިންމާއެއް” ރައީސް އަފްރާޙް ވިދާޅުވިއެވެ.
“ރައްޔިތުގެ ހިޔާލާއި މަޝްވަރާ އެންމެ ފުޅާ މިންވަރަށް ހޯދުން އެއީ ކޮންމެ ކައުންސިލެއްގެވެސް ޒިންމާއެއް. ރަށްރަށުގެ ހަގީގީ ވެރިންނަކީ އެ ރަށެއްގެ ރައްޔިތުން. އެ ރަށެއްގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހުސްއެހެލިއޭނެ ފަސޭހަ ގޮތްތަކެއް އޮތުމަކީ މުހިންމު ކަމެއް. ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުންތައް ޕޮޒިޓިވްކޮށް ބަލައިގަނެ މަޝްވަރާގެ މޭޒުދޮށުން ކަންކަމުގެ އެންމެ އެދެވޭ ހައްލު ހޯދޭނެ ގޮތް އޮންނަން ވާނެ” ރައީސް އަފްރާޙް ވިދާޅުވިއެވެ.
ރައްޔިތުން ކައުންސިލާ ބައްދަލުކުރުމަކީ ރަސްމީގަޑީގައި އޮފީހުން ބައްދަލުކުރުން ނޫން ކަމާއި އޭގެ ބަދަލުގައި މަގުމަތީންނާއި ކޮފީ މޭޒުންނާ ކުޅިވަރު ކުޅޭ މައިދާނުގައި ހޮޅުއަށި ތަކުގައިވެސް ބައްދަލުކުރެވޭނެ ކަމަށް އަފްރާހް ވިދާޅުވި އެވެ.
އަދި ބޯހިޔާވަހިކަމަށް އޭދަފުށީ ރައްޔިތުންގެ ބައެއް، ސުލްހަވެރި އިހުތިޖާޖަށް ތައުރީފް ކުރައްވައި ދެން ވެސް ގާނޫނީ އިމުގެ ތެރެއިން އެކަން ކުރެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ވީހާވެސް ބޮޑަށް މަޝްވަރާގެ އުސޫލު އިސްކޮށް ރައްޔިތުންނާއި ކައުންސިލް އެއް މިސްރާބަކަށް ވިސްނައިގެން މަސައްކަތްކުރެވިއްޖެއްޔާ މާ އުޖާލާ މާދަމާއެއް ފެންނާނެ. ވީހާވެސް ބޮޑަށް ހާމަކަން ބޮޑު ގޮތަކަށް ހުރިހާ ކަމެއްވެސް ކުރަންވީ. ރައްޔިތުން އެދޭ ގޮތް އެއީ ކައުންސިލްވެސް އެދޭ ގޮތް ކަމުގައި ބޮޑަށް ވަކާލާތުކޮށް މައި ސަރުކާރަށް ރައްޔިތުންގެ އަޑު އިވޭނެ ގޮތަށް ކަންކަން ބައްޓަން ކުރަންވީ”. ރައީސް އަފްރާޙް ވިދާޅުވިއެވެ.
ގޯތި ދިނުން އަވަސްކުރުމަށް ގޮވާލައި އޭދަފުށީގައި މިރޭވެސް އަންނަނީ މުޒާހަރާ ކުރަމުންނެވެ.