
ބ. އަތޮޅު އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިރޭ ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ވަޑައިގަތީ އޭދަފުއްޓަށެވެ.
އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ ނާޒިމް ސޮއި ކުރެއްވީ މިރޭ އެ ރަށު ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ނިމުމުން އާބަން ސެންޓަރުތަކުގައި ހުންނަންވާ ފެންވަރަށް ސިއްހީ ހިދުމަތް އޭދަފުށިން ލިބޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އޭދަފުށި ހޮސްޕިޓަލުގައި މާދަމާ މެމޮގްރަފީގެ ހިދުމަތް ފެށި ކަމުގައި ވިޔަސް އަދި އެހެނިހެން އިތުރު ހިދުމަތްތައް ފެށި ނަމަވެސް މިހާރު ހުރި އިމާރާތުގައި އެ ވަރަށް ޖާގަ ނެތް ކަމަށެވެ. އެ ސަބަބާ ހެދި ވެސް އޭދަފުށީ ހޮސްޕިޓަލަށް އާ އިމާރާތެއް ވަރަށް މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
