ތުޅާދޫގައި އިތުރު 100 ހައުސިން ޔުނިޓް އަޅަނީ

ބ. ތުޅާދޫގައި އިތުރު 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުޅާދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، މި މަޝްރޫޢު މިހާރު އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށާއި ޓެންޑަރިން މަރުހަލާ ނިމުމުން އަގު ހުށަހެޅުމަށް ހުޅުވާލާނެ ކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ އިތުރު 100 ހައުސިން ޔުނިޓްގެ މަސައްކަތް ފަށައިދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ހައުސިން ޔުނިޓްތައް ލިބޭނެ ފަރާތްތައް ކަނޑައަޅާނީ ކައުންސިލުން އެކުލަވާލާ މިންގަނޑެއްގެ ދަށުންނެވެ. މި މިންގަނޑު އެކުލަވާލުމުގައި ރަށުގެ ރައްޔިތުންނާއި ދާއިރާގެ މަޖިލިސް މެންބަރުގެ ޚިޔާލު ހޯދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މިންގަނޑަކީ ގާނޫނާ ޚިލާފު މިންގަނޑެއް ނޫންނަމަ، މިނިސްޓްރީން ހުއްދަ ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކުރީގެ ސަރުކާރުން ވެސް ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅާފައިވާ ކަމެވެ. 2023 ގައި މަސައްކަތް ނިމުނު އެ މަޝްރޫޢުގެ ދަށުން ފްލެޓު ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު މި މަހުގެ ކުރީކޮޅު ވަނީ އާންމުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން އެޅި ހައުސިން ޔުނިޓްތަކަކީ 1,100 އަކަފޫޓުގެ ތިން ކޮޓަރި، ތިން ފާޚާނާ، ސިޓިންގ ރޫމް، ބަދިގެ އަދި ސްޓޯރޫމް ހިމެނޭ ޔުނިޓްތަކެކެވެ.

ކުރީގެ މަޝްރޫޢުގެ ދަށުން އެޅި 100 ހައުސިން ޔުނިޓުގެ ތެރެއިން 92 ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ރައްޔިތުންނަށެވެ. އަދި ބާކީ 8 ޔުނިޓް ޚާއްޞަކޮށްފައިވަނީ އެ ރަށަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.