ދަރަވަންދޫ އެއާޕޯޓް ތަރައްގީކުރަން އައިލެންޑް އޭވިއޭޝަނާ ހަވާލުކުރަނީ

ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ދަރަވަންދޫ ރައްޔިތުންނާއެކު މރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި ގޮތުގައި ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު ޑޮމެސްޓިކް އެއާޕޯޓު ކަމުގައި ވީނަމަވެސް، އެތަން ހުޅުވުނު ފަހުން އެކަށީގެންވާ ތަރައްގީއެއް ގެނެވިފައި ނުވެއެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން، ރާއްޖޭގެ އެހެން އެއާޕޯޓުތަކެކޭ އެއްފަދައިން ދަރަވަންދޫ އެއާޕޯޓު ވެސް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

“ސަރުކާރުން މިތަނަށް އިންވެސްޓުކޮށް ޑިވެލޮޕްކޮށްފައިވާ ފަރާތާއެކު މަޝްވަރާ ކުރިއަށް ގެންދާނަން. ދެ ފަރާތަށް އެއްބަސްވެވޭ ފަދަ އެއްބަސްވުމަކަށް އައިސް އެ އެއާޕޯޓު އެ ފަރާތުން ނަގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، ސަރުކާރުން ބޭނުންވާ ފެންވަރަށް، ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްގީކޮށް އޮޕަރޭޓްކުރުމަށް ހަވާލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައި،” ރައީސް މުއިއްޒު ވިދާޅުވިއެވެ.

2012 ވަނަ އަހަރު ހުޅުވުނު ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއިން ތަރައްގީކުރި އެއާޕޯޓެކެވެ. މިހާރު ވެސް މި އެއާޕޯޓް އޮޕަރޭޓްކުރަމުން ގެންދަނީ އައިލެންޑް އޭވިއޭޝަނުންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގަވާއިދާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މި މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.