
ބ. އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕް 2025 ގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ވެލާ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
އޭދަފުށީ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗެއްގައި ވެލާއިން ވަނީ ޓީމް މިޑްލް އީސްޓް 10-1 ގެ ބޮޑު ސްކޯއަކުން ބަލިކޮށްފައެވެ.
ވެލާއިން ފުރަތަމަ ކުޅުނު މެޗުގައި އިރުމަތި އެފްސީ ކައިރިން 2-0 އިން ބަލިވެފައި އޮތް ނަމަވެސް، އިއްޔެގެ ނަތީޖާއާއެކު އެޓީމުން ވަނީ ސެމީ ފައިނަލްގެ ޖާގައެއް ޔަގީން ކޮށްފައެވެ. ވެލާއަށް ދެމެޗުން 10 ޕޮއިންޓާއެކު ފައިދާ ހަތް ގޯލު ލިބިފައިވާ އިރު، ދެވަނައިގައި އޮތް އިރުމަތި އެފްސީއަށް ވަނީ ފުރަތަމަ މެޗުން ތިން ޕޮއިންޓް ލިބިފައެވެ.
މިއަދުގެ މެޗުގައި ވެލާގެ ފަރާތުން ހުސައިން ޝަރީފް (މުޑާ) ވަނީ ހެޓްރިކެއް ހޯދާފައެވެ. އަދި އެހެނިހެން ގޯލުތައް ޖެހީ އަލީ ނަސޫހް ރަޝީދު (ޕިލާ)، މުހައްމަދު ފަޔާޒް، އަކްރޯރް އުމަރްޖަނޯވް، މުހައްމަދު ޝާން އަބްދުލް ގަފޫރު، އަބްދުލް މަޖީދު (މަޖިއްޓެ)، އަހުމަދު ސުހައިލް (ބަންބުޗް) އަދި އަލީ ރީހާނެވެ. މިޑްލް އީސްޓްގެ ހަމައެކަނި ގޯލު ޖެހީ ރުޝްދާން އިބްރާހީމެވެ.

މި އަހަރުގެ އޭދަފުށި ކަޕް ކުރިއަށްދަނީ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ވެލާއާއި އިރުމަތީ އެފްސީގެ އިތުރުން މިޑްލް އީސްޓް ހިމެނޭއިރު، ގްރޫޕް ބީގައި ހުސް ސޮނގުން ފުޓުބޯޅަ ޓީމާއި ސީސީ ސްޕޯޓްސް ކްލަބު އަދި އޭދަފުށި ފުޓުބޯޅަ އެކަޑެމީ ހިމެނެއެވެ.
ގްރޫޕް އޭގެ ބާކީ އޮތް މެޗުގައި އިރުމަތި އެފްސީއާއި މިޑްލް އީސްޓް ބައްދަލުކުރާއިރު، އެ މެޗުން އެއްވެސް ނަތީޖާއެއް ނެރުނަސް އިރުމަތި އެފްސީއަށް ސެމީ ފައިނަލްގެ ޖާގައެއް ޔަގީންވާނެއެވެ. މާދަމާ ކުޅޭ މެޗުގައި ހުސް ސޮނގުންނާއި އޭދަފުށި އެކަޑެމީ ވާދަކުރާނެއެވެ.