
ކިންގްސް ކަޕް ފައިނަލުގައި މިރޭ އޭދަފުށީގެ ސީސީ ސްޕޯޓްސް ކްލަބުން ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާ ވާދަކުރާ މެޗު ބަލަންދާން، ސަޕޯޓަރުންނަށް ހާއްސަ ދަތުރެއް ހަމަޖައްސައިފިއެވެ.
އޭދަފުށީ ކައުންސިލުން ދަތުރު ހަމަޖެއްސީ ސީސީ ސްޕޯޓްސް ކްލަބާ ގުޅިގެންނެވެ. ސީސީން ދަތުރުގެ ކަންކަން އިންތިޒާމުކުރާއިރު މިހާރު ވަނީ މިއަދު މާލެ ދިއުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އޭދަފުށިން ލޯންޗު ފުރާނީ މިއަދު މެންދުރު ފަހު 3:30 ގަ އެވެ. ފައިނަލަށް ފަހު އެނބުރި މާލޭން ފުރުމަށް ހަމަޖައްސާފައިވަނީ ރޭގަނޑު 12:00 ގަ އެވެ.
މެޗު ބަލަން މާލެ ދާން ބޭނުންވާ ސަޕޯޓަރުން 9966577 އަށް ގުޅުމަށް ކައުންސިލުން އާއްމުކުރި މައުލޫމާތުގައި ބުނެފައިވެއެވެ.
މުބާރާތުގައި ސީސީ ސްޕޯޓްސް ކްލަބުން އޭދަފުށި ތަމްސީލުކުރަނީ އޭދަފުށި ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ.
ކިންގްސް ކަޕްގައި މިފަހަރު ވާދަކުރި 8 ޓީމު ދެ ގްރޫޕަކަށް ބަހާލިއިރު އޭދަފުށި ހިމެނުނީ ގްރޫޕް އޭގައެވެ. އެ ގްރޫޕުން އޭދަފުށި ވަނީ ދެވަނަ ހޯދައިފައެވެ. ހަމައެކަނި ބަލިވީ ނައިވާދޫ އަތުން ފުރަތަމަ މެޗުގައެވެ. އެ މެޗުގައި 1-4 އިން ބަލިވި ނަމަވެސް ފަހުން ކުޅުނު މެޗުތަކުގައި ނަތީޖާތައް ރަނގަޅުކުރިއެވެ.
ދެވަނަ މެޗުގައި 0-5 އިން ކާށިދޫ ބަލިކޮށް، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އައްޑޫ ސިޓީގެ މައިލޯ ސިޓީއާ ވާދަކޮށް 0-2 އިން މޮޅުވިއެވެ. ސެމީ ފައިނަލުގައި އޭދަފުށި ނުކުތީ މުބާރާތުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އައި ޖޯލި މޯލްޑިވްސްއާ ދެކޮޅަށެވެ. އެ މެޗުން އޭދަފުށި މޮޅުވީ 0-2 އިންނެވެ.
މިރޭގެ ފައިނަލުގައި އޭދަފުށި ބޭނުންކުރާނީ ރަތް ޖާޒީއެވެ. ސީސީ ސްޕޯޓްސް ކްލަބުން އެދެނީ އޭދަފުށީގެ ހުރިހާ ސަޕޯޓަރުން ރަތް ކުލައިގައި ދަނޑަށް ގޮސް ސަޕޯޓް ކޮށްދިނުމަށެވެ.
އޭދަފުއްޓާއި އާރުއާރުސީ ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ 9 ޖަހާއިރު ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައެވެ.