
މިހާރު އަމަލުކުރަމުންދާ ލާމަރުކަޒީ ނިޒާމުގެ ދަށުން އަތޮޅު ކައުންސިލްތަކުން ރަށްރަށަށް އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަން ފިޔަވައި އިތުރު މާބޮޑު މަސައްކަތެއް ނެތް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އަތޮޅުތައް އުވާލަނީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި، އެއީ މިހާރުގެ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ކައުންސިލްތަކަކީ މިހާރު އޮތްގޮތުން ލާމަރުކަޒީ ނިޒާމަށް އިތުރުވެފައިވާ “ލޭޔަރެއް” ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ މިހާރު އަތޮޅު ކައުންސިލްތައް އެކުލަވާލާފައިވާ ގޮތް ބަދަލުކުރުން ކަމަށް ވެސް އެ މިނިސްޓަރު ފާހަގަކުރެއްވިއެވެ.
“އެނގިވަޑައިގަންނަވާނެ ފަދައިން ގުދުރަތީގޮތުން ވެސް ރާއްޖޭގެ އަތޮޅުތައް އުފެދިފައި އޮތްގޮތުންނާއި އޭގެ ޒާތުގައި މަސައްކަތް ކުރެވިގެންދާ ތަރުތީބުތަކަށް ބަލާއިރުގައި ވެސް ކޮންމެ އަތޮޅެއްގައި ވެސް އިދާރީގޮތުން ކުރެވޭ މަސައްކަތްތައް ކޮންމެވެސް ސިފައެއްގައި އިންތިޒާމް ކޮށްގެން ހިނގާނެ ގޮތްތަކެއް ރޭވިގެންދާނެ،” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، މިނިސްޓްރީތަކުގެ އިދާރީ ހިންގުން ބެލެހެއްޓެވުމަށް ޕާމަނަންޓް ސެކްރެޓަރީން ތިއްބަވާ ގޮތަށް އަތޮޅު ކައުންސިލްތަކުގެ އިދާރީ މަސައްކަތްތަކުގައި ވެސް ތިއްބަވަންވާނީ އިލްމީ ގާބިލު ބޭފުޅުން ކަމަށެވެ.