
ބ. އަތޮޅުގެ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން ހިންގަން އުޅޭ އެކި ޕްރޮޖެކްޓުތައް ހުއްޓާލުމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ރެޒިލިއެންސް މޯލްޑިވްސްއިން އިއްޔެ ގޮވާލައިފިއެވެ.
ބ. ދޮންފަނުގެ ބިން ހިއްކުން ހުއްޓާލުމަށް ގޮވާލައި 5،000 އަށްވުރެ ގިނަ މީހުން ސޮއިކުރި ޕެޓިޝަނެއް ތައްޔާރުކުރި މި ޖަމިއްޔާއިން ބުނެފައިވަނީ، ދޮންފަނުގެ ބިން ހިއްކުމަކީ ބ. އަތޮޅުގެ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް ސަރުކާރުން ހިންގަން އުޅޭ އެކި ޕްރޮޖެކްޓުތަކުގެ ތެރެއިން އެންމެ ޕްރޮޖެކްޓެއް ކަމަށެވެ.
އެ ޖަމިއްޔާއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ވަނީ ދޮންފަނުގެ ބިން ނުހިއްކާގޮތަށް ސަރުކާރުގެ ނިންމުން ބަދަލުކުރުމުން އެކަމަށް މަރުހަބާ ކިޔައިފަ އެވެ.
އެ ޖަމިއްޔާއިން ފާހަގަކުރި އެހެން ޕްރޮޖެކްޓުތަކުގެ ތެރޭގައި ތުޅާދޫގައި އެއާޕޯޓެއް އެޅުމަށް 44.7 ހެކްޓަރުގެ ބިން ހިއްކުމާއި ގޮއިފުޅަފެހެންދޫގެ ފަޅުގައި ރިސޯޓެއް ހަދަން ބިން ހިއްކުން ހިމެނެއެވެ. ތުޅާދޫ އެއާޕޯޓުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
“ރޯޒް ގާޑެން” ގެ ނަމުން މަޝްހޫރުވެފައިވާ ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ އޮންނަ ފަޅަކީ 500 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މުރަކަ ބަގީޗާއެއް އޮންނަ، ރާއްޖޭގެ އެހެން އެއްވެސް ހިސާބަކުން އަދި ފެނިފައިނުވާ ފަދަ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުން ބިން ހިއްކައިފިނަމަ، މުރަކަ ބަގީޗާ ހަލާކުވުމުގެ ބިރު ވަރަށް ބޮޑުކަމަށް ރެޒިލިއެންސް މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ.
އެ ޖަމިއްޔާއިން ބުނެފައިވަނީ ސިޔާސީ ބޭނުމަށް ވެރިން ރާއްޖޭގެ ނާޒުކު ވެށި ހަލާކުކޮށްލާ މަންޒަރު ބަލަން ނުތިބެވޭނެ ކަމަށެވެ. އަދި ބިން ހިއްކުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށާއި، ފުރިހަމަ އީއައިއޭ ރިޕޯޓެއް ނުހަދާ ބ. އަތޮޅުގެ ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ގޮވާލައިފައިވެއެވެ.