
ބ. ދޮންފަނުން ހިއްކަން ކަނޑައެޅި ސަރަހައްދުގައި ކަނޑުމަތީ މުޒާހަރާއެއް ކުރަން ރޭވިފައިވާތީ، އެ ރަށުގެ ފަރުން ފެށިގެން 700 މީޓަރުގެ ސަރަހައްދެއްގައި ފީނުމާއި ޑައިވްކުރުން ވަގުތީ ގޮތުން މަނާކުރަން ދޮންފަނު ކައުންސިލުން މިއަދު ނިންމައިފިއެވެ.
މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮންފަނަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ރަށުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައްޔިތުން އެދުމުން، އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނެވެ. އެހެންނަމަވެސް، ތިމާވެށީގެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ވަނީ މި މަޝްރޫއު ހުއްޓާލާފައެވެ.
ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަކީ ދޮންފަނަށް ލިބެން އޮތް ބޯހިޔާވަހިކަން ހުއްޓާލުން ކަމަށް ބުނެ، ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. އަދި މި މަޝްރޫއު އަލުން ފަށައި ވީހާވެސް އަވަހަކަށް ނިންމައިދިނުމަށް އެދި އިހުތިޖާޖުކޮށްފައިވެއެވެ. މީގެ އިތުރުން، ކަނޑުމަތީގައި ވެސް ސިލްސިލާ މުޒާހަރާތަކެއް ކުރިޔަށް ގެންދިއުމަށް ރައްޔިތުން ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ސަބަބުން ދޮންފަނާ ގާތްގަނޑަކަށް ކިލޯމީޓަރެއްހާ ދުރުގައި އޮންނަ ހަނިފަރަށް ގެއްލުން ލިބިދާނެ ކަމަށް ތިމާވެށީގެ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން ހަނިފަރު ސަރަހައްދު ސަލާމަތްކުރުމަށް އެދި ޕެޓިޝަނެއްގައި ވެސް ސޮއިކުރުން ކުރިޔަށްދާ ކަމަށް ފާހަގަކުރެވެއެވެ.
ދޮންފަނު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި، މިހާރު އެ ރަށުގައި ދިރިއުޅެމުންދާ 400 އެއްހާ މީހުންގެ ތެރެއިން 100 އެއްހާ މީހުންނަށް ބޯހިޔާވަހިކަން ބޭނުންވެފައިވެއެވެ. ރަށުގެ ބިން ފުރި، ގޯތި ނުދެވޭ ހިސާބަށް ގޮސްފައިވާތީ، މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.
މުޒާހަރާ ކުރިޔަށްދާ ވަގުތުތަކުގައި ނުރައްކާތެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި، ވަކި ގޮތެއް ކަނޑައަޅައި އަންގަންދެން ފަރު ސަރަހައްދުގައި ފީނުމާއި ޑައިވްކުރުން މަނާކޮށްފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަމުން ގެންދާނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.