
އަންނަ މަހު ތައިލެންޑްގައި މުޅިން އަލަށް ފަށާ، ދެކުނު އޭޝިއާ ސަރަހައްދުގެ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހިރާއްޖޭގެ ސްކޮޑް ފައިނަލް ކުރުމުގެ ކުރިން ކޭމްޕް ކުރާ 18 ކުޅުންތެރިންގެ ސްކޮޑުގައި އިޝާން އިބްރާހިމް (ސައްޓު) ހިމެނިއްޖެ އެވެ.
ޖެނުއަރީ 13-26 އަށް ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާޏް ފުޓްސަލް ގައުމީ ޓީމު މި މަހު 1 ގައި ފަރިތަކުރުން ފެށީ 40 އަށް ވުރެ ގިނަ ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާ އެކު އެވެ. އެއަށް ފަހު 25 ކުޅުންތެރިންނަށް ސްކޮޑް ކުޑަ ކުރި އިރު، މިހާރު މި ވަނީ 18 ކުޅުންތެރިންނަށް ކުޑަ ކޮށްފަ އެވެ. އަދި މުބާރާތަށް ދާ ފައިނަލް ސްކޮޑަށް ނަގާނީ 14 ކުޅުންތެރިންނެވެ.
ގައުމީ ސްކޮޑް ފައިނަލް ކުރާނީ މި 18 ކުޅުންތެރިންނާ އެކު ޗައިނާގައި ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ.
ސައްޓު އަންނަނީ 2022 އިން ފެށިގެން ގައުމީ ފުޓްސަލް ޓީމަށް ކުޅެމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު އޮތް އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުލުނު ދެ މެޗުގައި ވެސް ގޯލު ޖެހި ސައްޓު ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 11 މެޗުން ވަނީ ޖުމްލަ ހަތަރު ގޯލު ޖަހައިފަ އެވެ.
އުޒުބެކިސްތާނުގެ ކޯޗު ފާރޫކް ޒަކިރޯވްގެ ސްކޮޑުން ސައްޓު އާއެކު ބ. އަތޮޅުގެ އިތުރު ދެ ކުޅުންތެރިއެއް ހިމެނިފައިވެ އެވެ. އެއީ ހިތާދޫގެ ހުޒެއިފަތު ރަޝީދު (ހުޒޭ) އާއި އަލީ ހައިސަމް (ޗުމްޕު) އެވެ.

ހުޒޭ ވެސް އަންނަނީ 2022 އިން ފެށިގެން ފުޓްސަލް ގައުމީ ޓީމަށް ކުޅެމުންނެވެ. ނަމަވެސް މިއީ، 2021 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ޗުމްޕު، ފުޓްސަލް ގައުމީ ޓީމުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ހުޒޭ އާއި ޗުމްޕު ވެސް ވަނީ 2015 ވަނަ އަހަރު ހިތާދޫ އާއެކު ގޯލްޑަން ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް މިހާރު ހުޒޭ ގޯލްޑަންގައި ކުޅެމުން އަންނަނީ ގއ. ދެއްވަދޫ ޓީމަށެވެ. އަދި ޗުމްޕު އަންނަނީ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވަމުންނެވެ. މިދިޔަ އަހަރުގެ ގޯލްޑަންގައި ޗުމްޕު ވަނީ މޮޅު ކޯޗުގެ މަގާމާ އެކު ކ. ކާށިދޫ އަށް ޗެމްޕިއަންކަން ހޯދައިދީފަ އެވެ.
ފުޓްސަލް ގައުމީ ޓީމުން މި ފަހަރު ޖާގަ ނުލިބުނު އޭދަފުށީ ދެ ކުޅުންތެރިއަކީ، 2017 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުން އައި ގޯލްކީޕަރު އަބްދުﷲ ނާސިހް (ރާޖޫ) އާއި މިވަގުތު އޭދަފުށީގައި ހުރި އެންމެ ލީޑާޝިޕް ރަނގަޅު އެއް ޒުވާން ކެޕްޓަން ހުސެއިން ޝަރީފް (މުޑާ) އެވެ. މިއީ މުޑާ ފުޓްސަލް ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑާ އެކު ފަރިތަކުރި ފުރަތަމަ ފަހަރެވެ.

ސެޕްޓެމްބަރު މަހު އޮތް އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ޓީމަށް ކުޅުނު މުހައްމަދު ފާސިރު (ފާއްޓޭ) މި ފަހަރުގެ ޕްރެކްޓިސްގައި ބައިވެރިއެއް ނުވެ އެވެ. ފުޓްސަލްގެ ބަދަލުގައި އޭނާ މި ފަހަރު ނިންމީ ނިއު ރޭޑިއަންޓާ އެކު ދިވެހި ޕްރިމިއާ ލީގު ކުޅޭށެވެ.
ސާފް ޗެމްޕިއަންޝިޕަށް ރައްޔާރުވާން ކޭމްޕް ކުރާ ގައުމީ ސްކޮޑްގެ 18 ކުޅުންތެރިން:
މުހައްމަދު ލުފްސާން (ޕަފް) – ގޯލްކީޕަރު
އިބްރާހިމް ނާޖިހު (ހޭޓް) – ގޯލްކީޕަރު
އަބްދުﷲ ޒިމާމް – ގޯލްކީޕަރު
ޒައިދާން އަހުމަދު (އަސޫ) – ގޯލްކީޕަރު
މުހައްމަދު އިމްރާން (އިންމި)
އިޝާން އިބްރާހިމް (ސައްޓު)
އަލީ ޝިޔާހު (ޝިޔާ)
އަލީ ޝަމާލް އަބްދުﷲ (ޝަންމު)
އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)
ހުސެއިން ސުހެއިލް (ސޮކޭ)
ހުޒެއިފަތު ރަޝީދު (ހުޒޭ)
އިސްމާއިލް ވަޖީހު (ވައްޖެ)
މުހައްމަދު އިސާމް (ޝަންޓެ)
އަބްދުﷲ ޖުނެއިދު (ޖޭންނޭ)
އަބްދުﷲ ޝާފިއު (ޝާއްޕެ)
ހުސެއިން ޝަރީފް (އޮންލީ)
އަލީ ހައިސަމް (ޗުމްޕު)
އަހުމަދު ހަމީދު (އަންމަޑޭ)
