ބ. ފެހެންދޫ އާއި ގޮއިދުއާ ދެމެދު ދަތުރުކުރި ޑިންގީއެއް ޖެހި މިދިޔަ ބުދަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ބ. ގޮއިދޫ މާހަލް، ޢަބްދުލްހަންނާނަށް އިތުރު ފަރުވާދިނުމަށް ރާއްޖޭން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް އާއިލާއިން ބުނެފި އެވެ.
ހަންނާންގެ އާއިލާގެ ބޭފުޅަކު “އީޓީ” އާ ވާހަކަ ދައްކަމުން ބުނީ، ހަންނާން އަށް އިތުރު ފަރުވާދިނުމަށް ސްރީ ލަންކާއަށް ގެންދިއުމުގެ މަސައްކަތް ކުރާކަމަށާއި، ހުރިހާ ކަމެއް ހަމަޖެހުނުހާ އަވަހަކަށް ފުރާނެކަމަށެވެ.
އީޓީ އަށް އެނގިފައިވާ ގޮތުގައި އަނިޔާއާއި ގުޅިގެން ވާހަކަދެއްކުމުގައި ހަންނާންއަށް އުނދަގޫތަކެއް ހުރިއިރު، އޭނާގެ ވާތުފައިވެސް ހަރަކާތް ނުކުރެ އެވެ.
މި އެކްސިޑެންޓް ހިނގީ ވެލި ނެގުމަށްޓަކައި ގޮއިދޫން ދަތުރުކުރި ޑިންގީއަކާއި ފެހެންދޫން ދެ ޓޫރިސްޓަކު ގޮވައިގެން ދިޔަ ޑިންގީއެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި ޒަހަމްވީ ދެ ޑިންގީގައި ތިބި ހަތަރު ދިވެހިންނެވެ.
އެކްސިޑެންޓްގައި ދެން އަނިޔާ ލިބުނީ ގޮއިދޫ ލިލީވިލާ، އަހްމަދު މަޖީދު އަށާއި އެރަށު އައްސޭރި، ހަސަން ޔާސިރުގެ އިތުރުން ހދ. ނެއްލައިދޫ، އަހްމަދު ނާސިހު އަށެވެ. މި ތިން މީހުންނަށްވެސް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލައިފަ އެވެ.