އަތޮޅުގެ ރަށްތަކަށް ދައުވަތުދީގެން ދޮންފަނުގައި މިހާރު ކުރިއަށްދާ 23 އަހަރުން ދަށުގެ “ދޮންފަނު އިންވިޓޭޝަން ކަޕް” ގައި މިއަދު ހަވީރު ކިހާދޫއާއި ދަރަވަންދޫ ބައްދަލުކުރި މެޗު އެއްވަރުކޮށް ކިހާދޫން ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ. މިއަދުގެ މެޗު އެއްވަރުވީ 1-1 އިންނެވެ.
މެޗުގައި ފުރަތަމަ ގޯލުޖެހީ ކިހާދޫ ޓީމުންނެވެ. މި ގޯލު މެޗުގެ 25 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޢަލީ އަނީސް އެވެ. ނަމަވެސް ދަރަވަންދޫން ވަނީ ކުޅުން ރަގަޅުކޮށް މެޗުގެ 25 ވަނަ މިނިޓުގައި ނަތީޖާ ވަނީ އެއްވަރުކޮށްފައެވެ. މި ގޯލު ދަރަވަންދޫ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ޙުސައިން ނާސިފް އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނާސިފް ވަނީ މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.
މިއަދުގެ މެޗާއެކު ކިހާދޫ އަދި ދަވަރަންދޫއަށްވެސް ވަނީ ފަސް ޕޮއިންޓު ލިބިފައެވެ. ނަމަވެސް ޖެހި ގޯލުގެ ތަފާތުން އެއްވަނަ ލިބެނީ ކިހާދޫއަށެވެ. އެއްވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު ދެވަނަ ޖާގަ ލިބޭނީ ޕޮއިންޓުގެ ގޮތުން ދެވަނަ އަދި ތިންވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ކުޅޭ ފަހުމެޗުގައި މާދަމާ ބައްދަލުކުރާނީ ދޮންފަނާއި މާޅޮހެވެ. މާޅޮހަށް ސެމީގެ ޖާގައެއް ލިބޭނީ މާދަމާ ދޮންފަނުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ގްރޫޕްގެ އެއްވަނަ ދޮންފަނަށް ލިބޭނީ މާޅޮހުގެ މައްޗަށް ފަސް ގޯލުގެ ތަފާތަކުން މޮޅުވެގެންނެވެ.