
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިމިއުނައިޒޭޝަން ހަފުތާގެ ނުވަތަ ވެކްސިން ދިނުމުގެ ހަފްތާ ގައުމީ ފެންވަރުގައި މިއަހަރު ބ އޭދަފުށީގައި ބާއްވާގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސައިފި އެވެ.
ބައިނަލްއަގްވާމީ ވެކްސިން ހަފްތާ ފާހަގަ ކުރުމުގެ ގޮތުން އޭދަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 28 ން 30 ގެ ނިޔަލަށެވެ. ގައުމީ ފެންވަރެއްގައި ވެކްސިން ހަފްތާ އޭދަފުށީގައި ފާހަގަ ކުރާއިރު ޑަބްލިޔުއެޗްއޯ އާއި ޔުނިސެފްގެ އިސްބޭފުޅުންގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.
ވެކްސިން ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ގައުމީ ފެންވަރުގެ ރަސްމީ ޖަލްސާގެ އިތުރުން ވޯކްޝޮޕަކާއި ބ އަތޮޅު ތައުލީމީ މަރުކަޒުގެ ސެކަންޑްރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ވެކްސިންއާ ބޭހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއްވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ގައުމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ އޭދަފުށީ މަލްޓިޕާޕަސް ހޯލްގަ އެވެ.
މިއަހަރުގެ ވެކްސިން ހަފްތާގެ ޝިއާރަކީ “ތިބާގެ ދުނިޔެ ހިމާޔަތް ކުރައްވާ، ވެކްސިން ޖައްސަވާ” އެވެ.