
މިހާރު ކުރިޔަށްދާ ބ.އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު މެޗްތަކުން ސޮނެވާ މޮޅުވި އިރު ކިންގްސް ޔުނައިޓެޑާއި ކޮކޯޕާމް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.
މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ މާޅޮސް ޔޫތް ކްލަބާއި ސޮނެވާފުއްޓެވެ. މި މެޗް 1-7 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ސޮނެވާފުއްޓެވެ. މި މެޗްގައި ސޮނެވާފުށި ޓީމްގެ ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝިފާއު ، މުހައްމަދު ލިޔާހް އަދި މައުރޫފް މުހައްމަދެވެ. މި މެޗްގައި މައުރޫފް މުހައްމަދު 4 ލަނޑު ޖެހި އިރު މާޅޮސް އަތުން 1 ލަނޑު ވަނީ ބައިކޮޅަށް ވަދެފައެވެ. މާޅޮސް ޓީމަށް މި މެޗްގައި ވަނީ ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ނުކުރެވިފައެވެ. މާޅޮހުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާޒިމްއެވެ.
މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސޮނެވާފުށި ޓީމުގެ ޖާޒީ ނަންބަރ 11 މައުރޫފް މުހައްމަދެވެ.

މިއަދު ހަވީރު ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ ކޮކޯޕާމް ރިސޯޓާއި ދަރަވަންދޫގެ ކިންގްސް ޔުނައިޓެޑް ޓީމެވެ. މި މެޗް ނިމުނީ 3-3 ގެ ނަތީޖާއަކުން ދެޓީމުވެސް އެއްވަރު ވެެގެންނެވެ. މި މެޗްގައި ކޮކޯޕާމްގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ އަބްދުﷲ މުހައްމަދު ، އަހުމަދު ޝާން އަދި ނަސްވާން އިބްރާހިމް ޒުބައިރެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ކިންގްސް ޔުނައިޓެޑްގެ ގޯލްތަށް ކާމިޔާބުކުރީ ސާމިހް އަލީ ޝަރީފް ، އީމާން އިލްޔާސް އަދި ހުސައިން ނާސިފެވެ.
މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކޮކޯޕާމް ރިސޯޓުގެ ޖާޒީ ނަންބަރ 10 އަހުމަދު ޝާންއެވެ.
މި މުބާރާތުގައި މާދަމާ ހަވީރުވެސް 2 މެޗެެއް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި 16:05 ގައި ބައްދަލުކުރާނީ ރޯޔަލް އާއި ކިހަވަށް ސްޓްރައިކާޒްއެވެ. ދެވަނަ މެޗްގައި 17:00 ގައި ބައްދަލުކުރާނީ ފެއިމްސް ޔުނައިޓެޑާއި ޔުނައިޓެޑް ވީ އެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.
