މިނިވަން ފުޓްބޯޅަ މުބާރާތުގައި ޒޯން ތިނެއްގައި އޭދަފުއްޓާއި އެކު ރ. އުނގޫފާރު އަދި ޅ. އޮޅުވެލިފުށި ހިމެނިއްޖެއެވެ.
އެންމެފަހުގެ ޗެމްޕިއަން އޭދަފުށި ޒޯން މުބާރާތުގެ ޖާގައެއް ކަށަވަރު ކުރީ އަތޮޅު މުބާރާތުގައި ދެ ލެގުން 6-1 އިން ދަރަވަންދޫ ބަލިކޮށްގެންނެވެ. ރ. އަތޮޅުގެ ޗެމްޕިއަންކަން އުނގޫފާރު ހޯދީ މި މުބާރާތަށް ވަރުގަދައަށް ތައްޔާރުވި އެ އަތޮޅު މީދޫ 1-0 އިން ބަލިކޮށްގެންނެވެ. ޅ. އަތޮޅުގެ ޗެމްޕިއަންކަން އޮޅުވެލިފުށި ހޯދީ ފައިނަލުގައި ޅ. ކުރެންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މިނިވަން ފުޓްބޯޅަ މުބާރާތް ފެށިފަހުން ޒޯން ޗެމްޕިއަނުންގެ ގޮތުގައި އޮޅުވެލިފުއްޓާއި އުނގޫފާރު ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. 2015 ވަނަ އަހަރު ރ. އަތޮޅުން ޒޯން މުބާރާތުގައި ދުވާފަރު ކުޅެފައިވާއިރު މިދިޔަ އަހަރުގެ މުބާރާތުގައި ރ. އަތޮޅުން ވާދަކުރީ އިންނަމާދޫ އެވެ. ޅ. އަތޮޅުން 2015 އަހަރުގެ މުބާރާތުގައި ވާދަކުރީ ހިންނަވަރެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރީ ނައިފަރެވެ. މިދިޔަ ދެއަހަރުވެސް ޒޯން ޗެމްޕިއަންކަން ހޯދާފައިވަނީ އޭދަފުއްޓެވެ.
2 Leg Ves Kaamiyabu Koh B.Atholhuge Champion Kan Eydhafushi Football Team Hoadhaifi
Posted by Eydhafushi Times on Sunday, April 9, 2017
ޒޯން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅޭގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ފައިނަލަށް ދާނީ ތިންޓީމު ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. މި މުބާރާތް ކުޅޭނެ ވަކި ރަށެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަދި ނިންމާފައެއް ނުވެއެވެ.
ޒޯން މުބާރާތުގެ މެޗުތައް
އޭޕްރީލް 13: އުނގޫފާރު – އޭދަފުށި
އޭޕްރީލް 15: އޮޅުވެލިފުށި – އުނގޫފާރު
އޭޕްރީލް 17: އޭދަފުށި – އޮޅުވެލިފުށި