މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭ ދަންވަރުން ފެށިގެން ވެހެން ފެށި ބޯ ވާރެޔާ އެކު އޭދަފުށީގެ މަގުތަކުގައި ފެން ބޮޑުވެއްޖެ އެވެ.
ރޭ ދަންވަރު 2:00 ހާއިރު ފެށިގެން ދޭތެރެ ދޭތެރެއިން ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ރަށުގެ ބައެއް މަގުތަކާއި ގޯޅިތަކުގައި ފޫޓަކަށް ފެން ބޮޑުވެ، ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.
ހޫނު ގަދަ ދުވަސްތަކަށް ފަހު މިހާރު ކުރިމަތިލާފައި މިވަނީ، ރާއްޖޭގެ ނަކަތްތަކުން އެނގޭ ގޮތުގައި، ހުޅަނގު މޫސުމުގެ ވިއްސާރައާ އެވެ. ހުޅަނގު މޫސުމުގެ ތިންވަނަ ނަކަތް ކަމަށްވާ ކެތި ނިމި، ހަތަރު ވަނަ ނަކަތް ކަމުގައިވާ ރޯނު މިއަދު ފެށިފައިވާ އިރު ރޯނު ނަކަތު ވިއްސާރައަކީ އަބަދުވެސް ރާއްޖޭގައި ގަދަފަދަ މަޝްހޫރު ވިއްސާރައެކެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން
• ގެއަށް ފެން ނުވަންނާނެ ގޮތަށް ވެލިބަސްތާ ޖެއްސުން
• ހިފާ ގެންގުޅޭ ތަކެތި އަދި އިލެކްޓްރޯނިކް ތަކެތި ރައްކާތެރި ތަނެއްގައި ބެހެއްޓުން
• ކޮޅިގަނޑުގެ ގަދަ ވަޔަށް ސަމާލުވެ، އިމާރާތްތަކާ ގެދޮރާއި ފުރާޅު ފަދަ ތަންތަނުގެ ރައްކާތެރިކަން ޔަގީން ކުރުން
• ކޮޅިގަނޑުގައި ރައްކާތެރި އިމާރާތެއްގެ ތެރޭގައި ތިބުން
• ކޮޅިގަނޑުގައި ޖެހޭ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރަނގަޅަށް ހައްޔަރު ކޮށްފައި ބެހެއްޓުން
• ކަނޑު ދަތުރުފަތުރު ކުރުވުމުގައި ސަމާލުވުން
• މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ހޯދުން
މޫސުން ގޯސްވެ ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، އުދަ އެރުން ފަދަ ހާދިސާތައް ދިމާވަމުންދާއިރު ހުރި ގޮތަކުން މޫސުމަށް ބަލައި ރައްކާތެރިވުމަށް ޑިޒާސްޓާމެނޭޖްމެންޓުން ވަނީ އިލްތިމާސްކޮށްފަ އެވެ. މި އިލްތިމާސް ފުލުހުންނާއި ސިފައިންނާއި އަދި މޫސުމާބެހޭ އިދާރާއިން ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި ކުރިއަށް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ އެވެ. އަދި މި ވިއްސާރައިގައި މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުންވެސް އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުންޏެވެ.