
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވާދެމުން ދިޔަ އިންޑިއާ ކޮމްޕިއުޓަރ ޓީޗަރު ސަތީސް ރާޖު، 27 ދަންޖެހި މަރުވީ، އޭނާއަށް ފަރުވާދިނުމަށް ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށް ލަފާދީފައިވަނިކޮށް ކަމަށް މި އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.
ހޮސްޕިޓަލުން ހިންގުމާ ހަވާލުވެ ހުންނެވި ޕަބްލިކް ހެލްތު ކޯޑިނޭޓަރ އަހުމަދު ވަހީދު ސީއެންއެމް އަށް ވިދާޅުވީ ސަތީސް ރާޖު މިދިޔަ އަންގާރަ ދުވަހު ދަންޖެހިގެން މަރުވީ، އޭނާއަށް ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ބޭނުންވާކަމަށް ބުނެ އެފަދަ އެހީތެރިކަމެއް ހޯދުމަށް ޑޮކްޓަރުން ލަފާދީފައިވަނިކޮށް ކަމަށެވެ.
“ދަންޖެހިގެން މަރުވުމުގެ ފަސްވަރަކަށް ދުވަސްކުރިން ބޭސްތަކެއް ކައިގެން ހޮސްޕިޓަލަށް އޭނާ ގެނެވި ފަރުވާދިން. އެދުވަހު ޑޮކްޓަރު ވިދާޅުވި ޓީޗަރަށް ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ދޭންޖެހޭކަމަށާއި އެކަމަށްޓަކައި މާލެ ފޮނުވައިގެން ފަރުވާ ހޯދުމަށް. އެވާހަކަތައް ޑޮކްޓަރު ވިދާޅުވީ ޓީޗަރާއެކު ހޮސްޕިޓަލަށް އައި މީހުންގެ ކައިރީގައި. އެވާހަކަ ދައްކާފައިވަނިކޮށް، ދަން ޖެހިގެން މަރުވީ،” ވަހީދު ސީއެންއެމް އަށް ދިން އިންޓަވިއުގައި ވިދާލުވެފައި ވެ އެވެ.
ވަހީދު ވިދާޅުވެފައިވަނީ ޑޮކްޓަރު އެގޮތަށް ލަފާދިނީ ނަފްސާނީ މައްސަލައެއް ހުރުމުން ކަމަށާއި އެކަމަށް ހޮސްޕިޓަލުން ފަރުވާދެވެން ނެތުމުން އެކަމުގައި އެންމެ ރަނގަޅުގޮތަކީ މާލެއަށް ގޮސް ފަރުވާ ހޯދުންކަމަށް ގަބޫލުކުރެވިގެންކަމަށެވެ.
ބ. ތައުލީމި މަރުކަޒުގައި ކޮމްޕިއުޓާ ސްޓަޑީސް ކިޔަވާދޭން އުޅޭ އިންޑިއާގެ ޓީޗަރަށް ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ބޭނުންވާކަމަށާއި އޭނާއަށް ފަރުވާދިނުމަށް މާލެއަށް ފޮނުވުމަށް ލަފާދީފައިވަނިކޮށް، އެގޮތަށް އަމަލުނުކުރީ ކީއްވެތޯ ބެލުމަށް ސީއެންއެމް އިން ތައުލީމީ މަރުކަޒަށް ގުޅުމުން ޕްރިންސްޕަލް އަހުމަދު ރަފީއު ވިދާޅުވީ “އެ މައުލޫމާތު ދެނީ އެޑިޔުކޭޝަން މިނިސްޓްރީން” ކަމަށެވެ.
2010 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ އެ ޓީޗަރު ދަންޖެހިގެން މަރުވެފައި ހުރީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރީގައެވެ.
ސަތީސް އަކީ 2010 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ މޮޅު ޓީޗަރެކެވެ. އަދި މިދިޔަ އަހަރު އޭނާ ކިޔަވައިދިން ކޮމްޕިއުޓަ ސްޓަޑީޒް މާއްދާއިން ވަނީ 100 ޕަސެންޓް ފާސް ވެސް ހޯދައިދީފަ އެވެ.