
އޭދަފުށީގައި ބޭއްވި ކޮމްޕިއުޓަރު ކޯހެއްގެ ތެރެއިން. މިދިޔަ ހަފްތާ މިރަށުގައި ޒުވާނުންނަށް ހިލޭ ކޮމްޕިއުޓަރު ކޯހެއް ވަނީ ފަށާފައި– ފައިލްފޮޓޯ
ޒުވާނުންނަށް އަމާޒުކޮށްގެން ހިލޭ ކޮމްޕިއުޓަރު ކޯހެއް ބ. އޭދަފުށީގައި ފަށައިފި އެވެ.
އިންޑިޔާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންއައިއައިޓީ) އާއި ސެންޓަ ފޯ ކޮންޓިނިއުން އެޑިއުކޭޝަން (ސީސީއީ) އަދި ބ. ޓީއާރުސީ ގުޅިގެން ކުރިއަށް ގެންދާ ކޯހުގައި 50 އަށް ވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެ ފައެވެ.
ބ. ޓީއާރުސީގެ ކޯޑިނޭޓަރ މުހައްމަދު އާރިފް ވިދާޅުވީ އުމުރުން 18-30 އާ ދެމެދުގެ ޒުވާނުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އަށް އަހުލުވެރިކޮށް، އެ ރޮނގުން މީހުން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ ކޯހުގައި ކިޔަވައިދޭނީ ޑިޖިޓަލް އިންޓްރެކްޓިވް މަލްޑިމީޑިއާ ކަމަށެވެ. އަދި ވަރަށް އަވަހަށް ޓީޗަރުންނަށް އަމާޒުކޮށްގެންވެސް ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އާރިފް ވިދާޅުވި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކޮމްޕިއުޓަރު ލެބްގައި އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ކޯސް ނިމޭ އިރު އެޑޯބީ ފޮޓޯޝޮޕް ބޭނުންކޮށްގެން ޑިޒައިންކޮށް އެނިމޭޝަން ފަދަ ތަކެތި ހެދުމުގެ ހުނަރު ވަރަށް ބޮޑަށް ދަސްވެގެން ދާނެ ކަމަށް ބ. ޓީއާރުސީން ބުންޏެވެ. އަދި ކޯހުން ފާސްވާ ފަރާތްތަކަށް މޯލްޑިވްސް ކްލިފިކޭޝަން އޮޓޯރިޓީ ގަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެ ކަމަށްވެސް ޓީއާރުސީން ބުންޏެވެ.