
މިއަހަރުގެ ދުނިޔޭގެ ޝެފުންގެ ދުވަސް އޭދަފުށީގައި ފާހަގަ ކުރުމަށް ޝެފުންގެ ޓީމު މިއަދު އޭދަފުއްޓަށް އައުމުން މިރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.



ޝެފުންގެ ޓީމު އޭދަފުށީ ރަސްމީ ފާލަމަށް ފޭބުމާއެކު ސަގާފީ ހެދުމުގައިތިބި ކުޑަކުދިންވަނީ ކޮންމެ މީހަކަށް މާބޮޑިއެއް އަރުވައިފަ އެވެ. އަދި އެ ޓީމަށް މަރުހަބާކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ފާލަން ކައިރިއަށް އެއްވެފައި ތިއްބެވެ.



ދުނިޔޭގެ ޝެފުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ “ހެލްދީ ހީރޯ” އެވެ. މި ޝިއާރުގެ ދަށުން މި ދުވަސް ފާހަގަކުރަން އޭދަފުށީގައި ބާއްވާ މައި ހަރަކާތް އޮންނާނީ މާދަމާ މެންދުރުފަހު އެވެ. މި ހަރަކާތުގައި ބައިވެރިވާނީ ސްކޫލުގެ ގްރޭޑް 1-5 ގެ ދަރިވަރުންނެވެ.







މީގެ އިތުރުން ޝެފުންގެ ދުވަސް ފާހަގަކުރަން ގޮތުން، ހޮނިހިރު ދުވަހުު ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ކެއްކުމުގެ މުބާރާތެއް އޮންނާނެ އެވެ. މި މުބާރާތުގައި އެކި ކެޓަގަރީތަކުން ވަނަލިބޭ ފަރާތްތަކަށް ތައްޓާއި މެޑަލް ވެސް ދޭނެ އެވެ.


ކޮންމެ އަހަރެއްގެ އޮކްޓޯބަރު 20 ފާހަގަކުރަނީ ދުނިޔޭގެ ޝެފުންގެ ދުވަހުގެ ގޮތުގަ އެވެ. ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީ (ވެކްސް) އިން މި ދުވަސް ފާހަގަކުރަން ފަށާފައި ވަނީ 2004 ގަ އެވެ.


