އޭދަފުށީ ވެޓަރަންސް ފުޓްބޯލް ކްލަބްގެ ނަމުގައި އޭދަފުށީގައި ކުޅިވަރު ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފި އެވެ.
އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ޓީމުން ބުނިގޮތުގައި އެ ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ ރަށުގައި ދިރިއުޅޭ 35 އަހަރުންމަތީގެ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމެވެ.
މީގެ އިތުރުން އެކި ފިކުރުތަކުގެ މީހުންގެ މެދުގައި އޮންނަންޖެހޭ ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކޮށް އޭދަފުށީގެ އިޖުތިމާއީ ރޫހު އާލާކޮށް، އިޖުތިމާއީ ފައިދާއަށް މަސައްކަތްކުރުމުގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން ވެސް ޖަމިއްޔާގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެ އެވެ.
ޖަމްޢިއްޔާގެ މަސްއޫލުވެރިންނަކީ އޭދަފުށީ ހުދުވެލި ޢަބްދުއްރައްޒާގު މުހައްމަދު އާއި ލިލީގޭ އަބްދުލްހަމީދު ޔޫސުފް އެވެ.
އޭދަފުށީ ވެޓަރަންސް ޓީމު އެކުލަވާލާފައިވަނީ އަށްޑިހައިގެ ފަހުކޮޅު އެއްވަނަ ޑިވިޝަނުގައި އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއަށް ކުޅުނު މުހިއްމު ކުޅުންތެރިން ހިމަނައިގެންނެވެ.
މިއަހަރު މެލޭޝިޔާގައި އޮންނަ ބައިނަލް އަގްވާމީ ވެޓަރަންސް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ އޭދަފުށީ ވެޓަރަންސް ޓީމުން އެކުވެރިކަމުގެ ގިނަ މެޗުތަކެއް މިހާރުވަނީ ކުޅެފައެވެ. އެގޮތުން މާޅޮސް، ދޮންފަނު، ތުޅާދޫ އަދި ހިންނަވަރުގައި ވެސް ވަނީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ. އަދި މާލޭ ސޮކަމޭޓްސް އާއެކު ވެސް މިއަހަރު އޭދަފުށީގައި ވަނީ މެޗެއް ކުޅެފަ އެވެ. އެ ޓީމުން މިހާރު ވެސް ދަނީ ފަރިތަކުރުންތައް ބާއްވަމުންނެވެ.