އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު މާދަމާ ބ. އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީގެ އޮފިޝަލަކު އީޓީއަށް ވިދާޅުވީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ނަޝީދު ބ. އަތޮޅަށް ވަޑައިގަންނަވާނީ މާދަމާ މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
މިދަތުރުފުޅުގައި ނަޝީދު ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ދަރަވަންދޫ އަށެވެ. އެއަށްފަހު ގޮއިދޫ އަށާއި ފުޅަދޫ އަދި ފެހެންދޫ އަށް ވަޑައިގަންނަވާނެ އެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި މާދަމާ ރޭ ބ. ތުޅާދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ “އެއްބުރުން ތުޅާދޫ – ބޮޑު ޖަލްސާ” ގައި ބައިވެރިވަޑައިގަންނަވާނެ އެވެ.
ނަޝީދުގެ މި ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގަންނަވާނީ ބުދަ ދުވަހު ހެނދުގެ ވަގުތެއްގަ އެވެ. އޭދަފުއްޓަށް ވަޑައިގެން އެމްޑީޕީ އޭދަފުށީ ހަރުގެ ހުޅުވައިދެއްވައި ޕާޓީގެ ބޮޑު ދިޔަ ނަންގަވައިދެއްވާގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އޭދަފުށީގައި ގެސްޓްހައުސްވެސް ހުޅުވައިދެއްވާނެ އެވެ.
މި ދަތުރުފުޅުގައި ނަޝީދު މާޅޮހާއި، ކެންދޫ އަދި ހިތާދޫ އަށްވެސް ވަޑައިގަންނަވާނެ އެވެ.
ރައީސް ނަޝީދުގެ މި ދަތުރު އެމްޑީޕީގެ އިސް ބޭފުޅުންނާއި ޕާލިމަންޓަރީ ގްރޫޕް މެންބަރުންނާއި އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދުވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މިއަތޮޅުގެ ރަށްރަށުން ރައީސް ނަޝީދުއަށް މަރުހަބާ ކިޔުމަށް ވަރަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ.