
ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މާޅޮސް އަތުން 4-0 އިން ފަސޭހަކަމާ އެކު ދޮންފަނު މިއަދު މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި މެޗު ފަށައިގެން މާ ގިނަ އިރުތަކެއްނުވެ، ދޮންފަނުން ވަނީ ގާތްގާތުގައި ތިން ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޖެހީ ޝުހައިލް އެވެ. ދެ ވަނަ އަދި ތިންވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ޝާއިން އެވެ. މެޗުގެ 65 ވަނަ މިނިޓްގައި އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިފްހަމް އެވެ.
މި މުބާރާތަކީ ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް ބ. އަތޮޅުގެ 23 އަހަރުން ދަށޫން ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. އަދި މިއީ މިހާރު ބ. އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެވެ.
މި ފަހަރުގެ މުބާރާތުގައި ބ. އަތޮޅުގެ އަށް ރަށުން ވާދަކުރެ އެވެ. މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ކަމަދޫ އެވެ.


