
މާލޭގައި ކުރިއަށްދާ ބެޑްމިންޓަން މުބާރާތުގެ ދެ އިވެންޓުގެ ސެމީ ފައިނަލުން އޭދަފުށީގެ ކުޅުންތެރިން ފުރުސަތު ހޯދައިފި އެވެ.
ސެމީން ޖާގަ ހޯދީ ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެވަނަ ޑިވިޝަން އާއި އަތޮޅު ލީގުގެ ފިރިހެން ސިންގަލްސް އަދި ޑަބަލްސްގެޕެއާ ތަކުންނެވެ.
ދެވަނަ ޑިވިޝަންގެ ފިރިހެން ސިންގަލްސް އިން ޖާގަހޯދީ ހުސައިން މުހައްމަދު އާއި މުހައްމަދު އިކްރާމް އަދި އަބްދުލްމަތީން އެވެ. މި އިވެންޓްގެ ޑަބަލްސް އިން ސެމީން ފުރުސަތު ހޯދީ ހުސައިން އާއި މަތީންގެ ޕެއާ އާއި އިކްރާމް އާއި އާސިފްގެ ޕެއާ އެވެ.
އަތޮޅު ލީގުގެ ސިންގަލްސް އިން ހުސައިން އާއި އިކްރާމް ޖާގަ ހޯދިއިރު، ޑަބަލްސް އިން ސެމީން ފުރުސަތު ލިބުނީ ދެބެން ކަމަށްވާ އިކްރާމް އާއި މަތީންގެ ޕެއާ އަށެވެ.
މި ކުޅުންތެރިން ސެމީ އިން ޖާގަ ހޯދީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލްގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ. ސެމީ ފައިނަލް މެޗުތައް އޮންނާނީ މިއަދު ހަވީރު އެވެ.
އޭދަފުށީ ކުޅުންތެރިން ބެޑްމިންޓަން މުބާރާތުގެ ސެމީން ފުރުސަތު ހޯދިއިރު މި މުބާރާތުގެ ޓީމު އިވެންޓްގެ ފިރިހެން ދެވަނަ ޑިވިޝަނާއި ބެޑްމިންޓަން އަތޮޅު ލީގުގެ ފިރިހެން ޓީމު އިވެންޓްގެ ޗެމްޕިއަންކަން ކްލަބް އޭދަފުށިން ވަނީ ހޯދައިފަ އެވެ.
