
ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ފަހަތުން އަރައި ދޮންފަނު 2-1 އިން ބަލިކޮށް އޭދަފުށިން ގްރޫޕް އޭ އިން އެއް ވަނަ ހޯދައިފި އެވެ.
އޭދަފުށީގެ ހަމްދާން އަބްދުއްސައްތާރު އާއި އުނައިސް ޒުބައިރުގެ ގޯލްތަކާ އެކު މޮޅުވި އޭދަފުށި އެއްވަނަ އަށް އެރީ ގްރޫޕް ސްޓޭޖުގެ ތިން މެޗުންވެސް މޮޅުވެ، ހޯދި 9 ޕޮއިންޓާ އެކު އެވެ. މިއަދުގެ މެޗަށް ނުކުތްއިރު މި ދެ ޓީމަށް ވެސް ވަނީ ސެމީ ފައިނަލުން ޖާގަ ކަށަވަރުވެފަ އެވެ.

ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދޮންފަނުން ލީޑު ނެގީ މުހައްމަދު ނަބީލުގެ ލަނޑުންނެވެ. އެކަމަކު ދެ ވަނަ ހާފުގައި އޭދަފުށިން، ކުޅުން ރަނގަޅުކޮށް ދޮންފަނުގެ މައްޗަށް ކުރި ހޯދައި ފަހަތުން އަރައި މޮޅުވި އެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ދޮންފަނު ޓީމުގެ އަބްދުލް ހަމީދު މުހައްމަދު އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ މާޅޮސް އާއި ކަމަދޫ އެވެ.
