އެއްދުވަހަކު އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސަކު އަޅުގަނޑާއެކު ކޮފީއަކަށްގޮސްފައި މުޖުތަމަޢުގައި ހިނގާފައިވާ ވަރަށް ގިނަ ހާދިސާތަކުގެ ވާހަކަ އަޅުގަނޑަށް ކިޔައިދެމުން ދިޔައެވެ. ނަމަވެސް މިވާހަކަ އޭނަ ކިޔައިދޭން ފެށުމުން މިވާހަކަ އަޑުއެހުމަށް އަޅުގަނޑު ވަރަށް ބޮޑަށް ޝައުގުވެރިވިއެވެ. އޭނަ ވާހަކަ ކިޔަން ފެށިއެވެ.
……………
އަހަރެންނަކީ 1998 ވަނަ އަހަރު މާލޭގެ ގެއެއްގައި ކިޔަވަން އުޅުނު ކުއްޖެކެވެ. މިއަދު އަހަރެން މިކިޔައިދެނީ އެދުވަސްވަރު އަހަރެން ކިޔަވަން އުޅުނު ގޭގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދިރިއުޅެމުންދިޔަ އެއްބަފާ އަންހެނަކާއި ފިރިހެނެއްގެ ވާހަކައެވެ.
އަހަރެން މާލޭގައި ކިޔަވަން އުޅުނު ގެއަކީ ރާއްޖެތެރޭގެ އާދައިގެ ގެއެއްކަހަލަ ގެއެކެވެ. އޭރު އަހަރެން އުޅެނީ ގްރޭޑް 9 ގައެވެ. އެއްދުވަހަކު އަހަރެން ގޭގައި އުޅެނިކޮށް ކޮޓަރިއެއް ހޯދަން މީހަކު ގެއަށް އައިސް ވަނެވެ. އެމީހާއާއި އެކު އަންހެން ކުއްޖަކުވެސް އައެވެ. އައިސް ގޭގެވެރިމީހާ ކައިރީ ކޮޓަރިއެއް ކުއްޔަށް ލިބޭތޯ އެހިއެވެ. މިހެން އެހުމުން ގޭގެ ކޮޓަރިއެއް ދުވަސްކޮޅަކަށް ހުސްކޮށް ހުރުމުން ގޭގެ ވެރިމީހާ އޭނާއަށް ކޮޓަރި ދެއްކިއެވެ. ކޮޓަރި ދެއްކުމުން މި ފިރިހެން މީހާ ގޭގެ ވެރިމީހާ ކައިރީ މި އަންހެން ކުއްޖަކީ އޭނާގެ އެއްބަފާ ކޮއްކޮ ކަމަށް ބުންޏެވެ. (އަހަރެމެން ގޭގެ ވެރިމީހާއަކީ މީހަކާ ނުއިދެ، ދަރިއަކު ނުލިބޭ، ހުސްކޮށް ހުންނަ އުމުރުން ގާތްގަނޑަކަށް 60 ވަރަކަށް އަހަރުގެ އަންހެނެކެވެ.) ދެން އެފިރިހެން މީހާ ކޮޓަރި ބަލާފައި ފައިސާ ދެއްކުމަށްފަހު އަންހެން ކުއްޖާ އެކޮޓަރީގައި ބައިންދާފައި ނިކުމެގެން ހިގައްޖެއެވެ.
” މި ފިރިހެން މީހާއަކީ އިސްކޮޅުންދިގު އެއްލޮލުގައި އައިބުގޮތެއް ހުންނަ ދޮން މީހެކެވެ. މިމީހާ އަކީ ކުލަބުފަރު ރިސޯޓްގައި ވަޒީފާ އަދާކުރާ މީހެކެވެ.” މިމީހާ ދިޔަތާ އިރުކޮޅެއް ނުވެ، މުސްކުޅިފުރައިގެ އަންހެނަކު އަހަރެމެން އުޅޭގެއަށް ވަނެއެވެ. އަދި ގޭގެ ވެރިމީހާ ކައިރީ އެހިއެވެ.
އެމީހުންނަށް ކޮޓަރި ދިނީތަ؟
ގޭގެވެރިމީހާ: އާނ! އެމީހުން އެދިޔައީ ކޮޓަރިއަށް ކުލިވެސް ދައްކާފަ.
އެ އަންހެން މީހާ: އެހެންތަ؟ އެހެންވިއްޔާ އެދެމީހުން އުޅޭގޮތް ވަރަށް ރަނގަޅަށް ބަލާތި!
ގޭގެ ވެރިމީހާ: އަހަރެން ކޮން ބެލުމެއް ބަލަންވީ. އެދެމީހުންނަކީ ތިމާގެ ދެކުދިން.
ގޭގެވެރިމީހާ މިހެން ބުނުމުން އެއަންހެން މީހާ ނިކުމެގެން ހިގައްޖެއެވެ.
އޭގެ ފަހުން މިދެމީހުން އެކޮޓަރީގައި އުޅެމުންދެއެވެ. އެދެމީހުންގެ އުޅުން ހުންނަ ގޮތުން އަހަރެންނަށް އެދެމީހުންގެ ހަރަކާތްތައް ފާހަގަކުރެވެން ފެށިއެވެ. އެންމެ ފުރަތަމަ މިކަން ފާހަގަ ކުރެވެން ފެށިގޮތަކީ މިއަންހެންކުއްޖާ ވަރަށް ގިނައިން ދުވާލުގަޑީގައި ފޯނުގައި ހުންނަތަން ފެނުމުންނެވެ. އަދި ކޮންމެ ރެއަކު މިފިރިހެން މީހާ ގެއަށް ނިދަން އައިސް އަމަލުތައް ހުންނަ ގޮތުންނެވެ.
އަދި މީގެއިތުރުން މި އަންހެން ކުއްޖާވެސް އޭނަގެ ބޭބެ ފޯނުގައި ވަރަށް ގިނައިން ހުންނަތަން އަހަރެންނަށް ފެނެއެވެ. ނަމަވެސް މިދެމީހުންނަކީ އެއްބަފާ ދެމީހުންނަށް ވުމާއެކު، އަހަރެން މާބޮޑަކަށް އެކަމަކާ އަޅައެއް ނުލަމެވެ. މިހެން އުޅެނިކޮށް އެއްރެއަކު އަހަރެމެން އުޅޭ ގޭގައި ކުއްޔަށް އުޅޭ ޓެކްސީ ޑްރައިވަރަކަށް މިދެ މީހުން ރޭގަނޑު އާޓިފިޝަލް ބީޗު ފަދަ ތަންތަނުން އަތާއަތް ޖޯޑުކޮށް ގައިގޯޅިވެގެން ހިނގާފަދާ މަންޒަރު ފެނުމުން އޭނާ ގެއަށް އައިސް އަހަރެންގެ ކައިރީ އެވާހަކަ ދައްކައިފިއެވެ. އަދި އެއީ އެއްބަފާ ދެބެން އުޅޭގޮތެއް ނޫންކަމަށްވެސް އޭނަ ބުންޏެވެ. މިގޮތުން އެއްދުވަހަކު ހަވީރު ގަޑީގައި އޭނާ ޓެކްސީ ދަތުރެއްގައި އުޅެނިކޮށްވެސް މިދެމީހުން އަތްގުޅުވައިގެން ހިނގަފައިދަނިކޮށް އޭނަ ފެނުމާއެކު ދެމީހުން އަތްދޫކޮށްލައި މަގުގެ ދެފަރާތަށް ދެމީހުން އެރި މަންޒަރު އޭނައަށް ފެނުނުކަމަށްވެސް އޭނަ އަހަރެންގެ ކައިރީ ބުނެފިއެވެ. ނަމަވެސް އޭރުވެސް އެކަމަށް މާބޮޑު ސަމާލުކަމެއް އަހަރެންނެތް ނުދެމެވެ. އަދި މީގެއިތުރުންވެސް އެޑްރައިވަރު ކަލޭގެއަށް ފެނުނު ބައެއް މަންޒަރުތަކުގެ ވާހަކަތައްވެސް އޭނަ އަހަރެންނަށް ކިޔައިދީފިއެވެ. އެއްދުވަހަކު މިޑްރައިވަރު ކަލޭގެ އަހަރެމެންގޭ ކައިރީގައި ހުރި ހޮޓަލެއްގައި ސައިބޯން އިންދައި މިދެމީހުން ހިނގާފައި އައިސް ގެއާއި ކައިރިވުމުން ދެމީހުން މަގުގެ ދެފަރާތަށް ޖެހިލައި ހިނގާފައައިސް ގެއަށް ވަތް މަންޒަރު ވެސް ފެނުނުކަމަށާއި، ނަމަވެސް މިދެމީހުންނަކަށް އޭނާ ނުފެންނަ ކަމަށްވެސް ބުންޏެވެ. މިހެންކަމުން އެޑްރައިވަރުކަލޭގެ އަހަރެންނާއި ގުޅިގެން އެދެމީހުން އަމަލުތައް ބެލުމަށް ނިންމިއެވެ. މިޓެކްސީ ޑްރައިވަރަކީ ޓެކްސީ ދަތުރުތައް ނިންމާފައި ގާތްގަނޑަކަށް ރޭގަނޑު ބާރަ އެކެއް ޖަހާއިރު ނޫނީ ގެއަށް ވަންނަ މީހެއް ނޫނެވެ.
އަހަރެމެން އުޅޭ މިގެއަކީ ކޮޓަރިތަކުގެ ކުޑަދޮރުތަކުގައި ލޫވަ ހަރުކޮށްފައި، އަދި ބައެއް ދޮރުތަކުގައި ފުލައިވުޑް ޖަހަފައި އާދައިގެ ގޮތަކަށް ހަދާފައި ހުންނަ ގެއެކެވެ. އެގޭގެ ގޯތިތެރޭގައި ހުސްކޮށް އޮންނަ ބައިގައި ބޮޑު ހިރުދުގަހެއް ދަށުގައި ޖޯލިފައްޗެއް ހުރެއެވެ. އެމީހުން އުޅޭކޮޓަރީގައިވެސް ހުންނާނީ ކުޑަދޮރުގައި ފުލައިވުޑް ޖަހާފައެވެ.
އެއްބަފާ މި ފިރިހެން މީހާ އަކީ ގެއަށް އައިސްފިނަމަ ތޮރުލައްޕަ ތަޅުލާ މީހެކެވެ. އަދި ދުވާލު ގަޑީގަވެސް ދޮރުހުޅުވަފައި ހުރެއްޖެނަމަ އެ ކޮޓަރިއަށް މަދިރިވަންނާނެކަމަށާއި ދޮރު ލައްޕާފަ ތަޅުލާފަ ބަހައްޓަން އަންހެން ކުއްޖާއަށް އަންގާފައިވާކަންވެސް އަހަރެމެންނަށް ވަނީ އެނގިފައެވެ.
އެއްރެއަކު އަހަރެންނާއި އަހަރެން އުޅޭގޭގައި މަސްތުވާތަކެތީގެ މައްސަލަައެއްގައި އަރުވާލާފައި ހުންނަ މީހަކާއި ދެމީހުން ގޭގެ ޖޯލިފަތީގައި ތިއްބާ ޑްރައިވަރު ކަލޭގެ އަތުވެއްޖެއެވެ. އަދި އަހަރެމެން ޖޯލީގައި ތިބިތަން ފެނުމުން އައިސް އަހަރެމެން ކައިރީ ޖޯލީގައި ޖައްސާލިއެވެ. އަދި ބުންޏެވެ.
”މިގޭގައި އުޅޭ އެއްބަފާ އެދެމީހުންގެ އުޅުން ގޮތެއް ރަނގަޅެއް ނޫން. އަދި އެދެމީހުންގެ އުޅުން ރޭގަ ރަނގަޅަށް ބަލަފިން. ބެލިއިރު އެދެމީހުން ތިބީ ކޮޓަރިތެރޭގައި ބަރަހަނާކޮށް ގައިގޯޅިވެގެން.” ޑްރައިވަރު ކަލޭގެ މިހެން ބުނި ނަމަވެސް އަހަރެމެން އެކަން ގަބޫލެއް ނުކުރަމެވެ.
އަހަރެމެން ގަބޫލު ނުކުރުމުން އަހަރެމެންނަށް އެކަން ދައްކާނެކަމަށާއި، އެގޭގެ ކޮޓަރީގެ ކުޑަދޮރުގައި ޖަހާފައިހުރި ފިލާގަނޑާއި ބޮޑުދޮރު ކަންޏާއި ދޭތެރެއިން ރީތިކޮށް ކޮޓަރީގެ އެތެރެ ފެންނާނެކަމަށާއި އެތަނުން އޭނައަށް އެމަންޒަރު ފެނުނުކަމަށްވެސް ބުންޏެވެ. އަދި ރޭގަނޑު 11 ޖަހާކަންހާއިރި ރަނގަޅަށް ބަލައިފިނަމަ އެންމެނަށްވެސް އެކަން އެނގޭނެކަމަށް ޑްރައިވަރު ކަލޭގެ ބުނެފިއެވެ. އަދި އަހަރެމެންނަށް އެކަން ޤަބޫލުނުކުރެވޭނަމަ ބަލާށޭވެސް ބުނެފިއެވެ. މިކަލޭގެ މިހެން ބުނުމުން އެކަން ފުލުހުންނަށް އަންގަންވީ ކަމަށް އަހަރެމެން ބުނުމުން ”ތިމަންނައަށް ލާހިކެއް ނޫނޭ އޭރުން ދެއިރު ދެދަޅައަށް އެތަނަށް ދަމާނެ. އަދި ގޭގެ ވެރިމީހާގެ ކައިރީވެސް ބުނާކަށް ނުކުރޭނެ.” ޑްރައިވަރު ބުންޏެވެ. އެހެންކަމުން އަހަރެމެން ދެ މީހުންވެގެން އެރޭ ސައްލާކުރުމަށްފަހު ޑްރައިވަރު ކަލޭގެ ލަފައާއި އެއްގޮތަށް އަހަރެމެންވެސް މިކަން ބަލަން އެރޭ ނިންމީމެވެ. އޭރުން އަހަރެމެންނަށްވެސް މިކަން ޤަބޫލުކުރެވޭނެކަމަށް ޑްރައިވަރު ބުނެފައިވާތީއެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. އެއްރެއަކު އަރުވާލާފައި ހުރި މީހާއާއި އަހަރެންނާއި ދެމީހުން ގޭގެ ޖޯލިފަތީގައި ވާހަކަ ދައްކަން ތިއްބާ އެއްކަލަ އެއްބަފާ ފިރިހެން މީހާ އައިސް ގެއަށް ވަނެވެ. އަދި އަހަރެމެން ޖޯލީގައި ތިބިތަން ފެނިގެން އެމީހާއައިސް އަހަރެންނާއި އެކު ޖޯލި ފަތީގައި ވާހަކަދައްކަން މަޑުކޮށްލިއެވެ. މިގޮތަށް ވާހަކަދައްކަން އިރުގަނޑަކު ތިބެފައި އެރޭގެ ގާތްގަނޑަކަށް 10:30 ހާއިރު އޭނަ ނިދިއައިސްފި ކަމަށްބުންޏެވެ. އަދި ޖޯލިން ތެދުވެގެންގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕި އަޑު އަހަރެމެންނަށް އިވުނެވެ. އެކޮޓަރީގެ ދޮރު ހުޅުވާލައިފނަމަ ޖޯލި ފަތީގައި ތިބި މީހުން އެކޮޓަރިއަށް ފެންނާނެއެވެ. ކޮޓަރީގެ ދޮރު ހުންނަނީ ގެއާއި ވަކިން ޖޯލިފައްޗާއި ދިމާލަށް ވާގޮތަށެވެ. އޭރުވެސް އަހަރެމެން ތިބީ ގޭގެ ޖޯލިފަތީގައި ވާހަކަދައްކާށެވެ. އަހަރެމެން މިގޮތަށް ވާހަކައިގައި ތިއްބައި އޭގެ ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނެޓް ފަހުން އަނެއްކާވެސް އޭނާ ކޮޓަރި ދޮރުހުޅުވާލައި އަހަރެމެން ތިބުނުން އަހަރެމެންނާއި ދިމާލަށް ބަލާލިއެވެ. އަދި ގޮވާލިއެވެ. އަދިވެސް ނިދަން ނުދަނީހެއްޔެވެ. މިހެން އެމީހާ ބުނުމުން މާދަމައަކީ ބަންދު ދުވަހެއް ކަމަށާއި އެހެންވެ ވާހަކަ ދައްކާލަން ތިބީކަމަށް އަހަރެމެން ބުނީމެވެ. އަހަރެމެން މިހެން ބުނުމާއެކު އޭނަ ކޮޓަރިީގެ ދޮރު ލައްޕައިފިއެވެ.
އޭގެ ފަސްމިނެޓް ފެހެވެ. އޭނާ އަނެއްކާވެސް ދޮރު ހުޅުވަލައި އަހަރެމެންނާއި ދިމާލަށް ނިދަން ނުދަނީހޭ އަހައިލައިފިއެވެ. އޭނަ މިހެން އެހުމުން އަހަރެމެންވެސް އިރުކޮޅަކުން މިދަނީ އޭ ބުނީމެވެ. ނަމަވެސް މިގޮތަށް ފަސް މިނެޓުން ފަސް މިނެޓުން އެމީހާ ދޮރުހުޅުވާލައި އަހަރެމެން ޖޯލީގައި ތިބީމާ ކަންބޮޑުވެގެން އުޅޭކަން އަހަރެމެންނަށް އެގިއްޖެއެވެ. އެހެންކަމުން އަހަރެމެން ނިންމީ ޑްރައިވަރު ކަލޭގެ ބުނިގޮތަށް އެމީހުން ކޮޓަރިތެރޭގައި އުޅޭގޮތެއް ބަލާށެވެ. އެހެންވެ އަހަރެމެން ނިދަންކަމަށް ހަދާ އަހަރެމެން އުޅޭ ކޮޓަރިއަށް ވަދެ ވަރަށް ބާރަށް ދޮރުލައްޕާފީމެވެ. މިއަޑު އިވުމުން އެމީހާ ހީކުރާނީ އަހަރެމެން ނިދަން ވަނީކަމަށެވެ. ދޮރުލެއްޕި އަޑު އެކޮޓަރިއަށް ވަރަށް ރަނގަޅަށް އިވޭނެއެވެ. އެހެންކަމުން އިރުކޮޅަކު ކޮޓަރީގައި މަޑުކޮށްލުމަށްފަހު ވަރަށް މަޑުމަޑުން އަހަރެން ކޮޓަރިން ނިކުމެއްޖައީމެވެ. އޭރު އަރުވާލާފައި ހުރި މީހާވެސް ވަރަށް ސިއްރުން ގޭތެރޭގައި އުޅެއެވެ. އަހަރެމެން ދެމީހުންވެސް ގަސްތުކުރީ އެރޭ ޑްރައިވަރު ކަލޭގެ ބުނި ވާހަކައަކީ ތެދު ވާހަކައެއްތޯ ބަލާށެވެ. ނަމަވެސް ގޭގެ ވެރިމީހާ ހޭލާ އުޅޭތީ ވެރިމީހާއަށް އޮޅުވާލައި ބޮލުގެ ބޭނުންކޮށް ވެރިމީހާ ނިދުމުން ޑްރައިވަރު ބުނެފައިވާގޮތަށް އެ އެއްބަފާ ދެމީހުން އުޅޭ ނޫޅޭގޮތް ބެލުމަށް އެކޮޓަރީގެ ކައިރިއަށް ވަރަށް ސިއްރު ސިއްރުން ދިޔައީމެވެ. އަދި އަހަރެމެން ސިއްރުން ވަގަށް އެކޮޓަރިތެރެ ބެލިއިރު އެދެމީހުން ތިބީ ހަމަ ހެއްދެވި ގޮތަށް ބަރަހަނާ ހާލު ގައިގޯޅިވެގެންނެވެ. ހީވަނީ ހަމަ ދެމަފިރިން ހެނެވެ. އެހެންކަމުން ޑްރައިވަރު ކަލޭގެ އެބުނީ ތެދެއްކަމަށް އަހަރެމެންނަށް ޔަގީން ވިއެވެ. އެހެންވެ އެރޭ މާބޮޑަށް އެކަމާ އަޅާނުލާ ނިދީއެވެ. އަދި ޖެހިގެން އައި ދުވަހު މިވާހަކަ ގޭގެ ވެރިމީހާ ކައިރީ ދެއްކުމުން އެމީހާ އެކަން ގަބޫލެއް ނުކުރިއެވެ. މާބޮޑަކަށް އެކަމާ ސަމާލުކަމެއްވެސް ނުދިނެވެ. މިހެންވެ މިކަމާ އަހަރެމެންވެސް މާބޮޑަކަށް އަޅައެއް ނުލަމެވެ.
މިހެން އުޅެނިކޮށް އެއްދުވަހަކު އަހަރެމެން ގޭގައި ތިއްބައި ރައްޓެއްސަކު ގެއަށް އައެވެ. އެމީހާ ގެއަށް އައިސް އަހަރެމެންނާއި ވާހަކަދައްކަން އިންދާ އެއްކަލަ އެއްބަފާ ދެމީހުން ކޮޓަރިން ނިކުމެގެން ބޭރަށް ދާތަން އެމީހާއަށް ފެނިއްޖެއެވެ. މި މަންޒަރު ފެނުމުން އެމީހާ ބުންޏެވެ. އެދެމީހުން އުޅެނީ މިގޭގައި ކުއްޔަށް ހެއްޔެވެ. އަހަރެން އާ އެކޭ ބުނީމެވެ. މިހެން ބުނުމާއެކު މިދެމީހުންނަކީ ވަރަށް ގިނަ ގޭގޭގައި ކުއްޔަށް އުޅުނު ދެމީހުން ކަމަށާއި މި އެއްބަފާ ދެމީހުންގެ ލޯބީގެ ކުޅިގަނޑު އެނގުނީމާ އަނެއްކާވެސް އެހެންތަނެއް ކުއްޔަށް ހިފައިގެން މި ދެމީހުން ދަނީކަމަށް އެމީހާ ބުނެފިއެވެ. އަދި މިދެ މީހުންނެކޭ ދެމަފިރިންނެކޭ ތަފާތެއް ނެތޭ މި މީހުން ކޮންމެ ގެއެއްގައިވެސް އުޅެފައި މިކަން ފަޅާއެރުމުން ނިކުމެގެން ދަނީކަމަށް ބުނެ މިދެމީހުންގެ ވަނަވަރު ވަރަށް ރަނގަޅަށް އަހަރެންނަށް ކިޔައިދިނުމަށްފަހު އެމީހާ ހިގައްޖެއެވެ.
އޭގެ ދުވަސްތަކެއް ފަހެވެ. އަހަރެންވެސް އޯލެވެލް ނިންމުމަށްފަހު އެގެއިން ހިގައްޖެއީމެވެ. އޭރުވެސް އެއްބަފާ މިދެ ލޯބިވެރިން އެގޭގައި އުޅެއެވެ. އޭގެފަހުން އަހަރެންވެސް ރިސޯޓެއްގައި ވަޒީފާގައި ގާތްގަނޑަކަށް 6 މަސްވަރު އުޅުމަށްފަހު އެނބުރި މާލެއައީމެވެ. މާލެ އައުމަށްފަހު އެއްދުވަހަކު އަހަރެން މަގުމަތިން ހިނގާފައި ދަނިކޮށް މި އެއްބަފާ އަންހެން ކުއްޖާއާއި އަހަރެންނާއި ދިމާވިއެވެ. އަދި ކޮންތާކުތޯ އުޅެނީ އެހުމުން އެހެން މިހާރު އުޅެނީ އެހެން ގެއެއްގައިކަމަށް ބުންޏެވެ. އަދި ބޭބެ ކޮބައިތޯ އެހުމުން ބޭބެވެސް އުޅެނީ އޭނަޔާއި އެކު އެއްކޮޓަރިއެއްގަިއ ކަމަށް ބުންޏެވެ.
އޭގެ ހަމަސް ފަހެވެ. އެއްދުވަހަކު އެއްކަހަލަ އެއްބަފާ އަންހެން ކުއްޖާގެ ތިމާގެ މީހަކާއި މަގުމަތިން އަހަރެންނާއި ބައްދަލުވިއެވެ. މިތިމާގެ ކުއްޖަކީ އަހަރެން ދަންނަ ރައްޓެއްސެކެވެ. އަދި މިކުއްޖާއަކީ މި އަންހެން ކުއްޖާގެ ތިމާގެ ކުއްޖެއްކަން އަހަރެންނަށް އެނގުމުން އެ އަންހެންކުއްޖާގެ ހަބަރެއް ވޭތޯ އަހާލައިފީމެވެ. ލިބުނީ ވަރަށް އަސަރުކުރުވަނިވި ހަބަރެކެވެ. އަންހެން ކުއްޖާ އޭނަގެ އެއްބަފާ ބޭބެގެ ދަރިއަކަށް ބަލިވެ އިން ވާހަކައެވެ. އަދި މި އަންހެން ކުއްޖާ ބަލިވެ އިނުމުން އެކަމާ ލަދުން އެ އަންހެން ކުއްޖާ އޭނާގެ މަންމަގެ ރަށަށް ފޮނުވާލި ވާހަކައެވެ. އަދި މިކަންކުރީ އެ އަންހެން ކުއްޖާދެކެ އިންތިހާއަށް ލޯބިވި އޭނާގެ އެއްބަފާ ބޭބެކަމެކެވެ.
އެކުވެރިންނޭ! މިހާރު އެ އަންހެން ކުއްޖާގެ މުށުތެރޭގައި އެވާ މަޢުޟޫމް ތުއްތު ތުއްތު ކުއްޖާއަކީ އެއްބަފާ ބޭބެގެ ދަރިއެކެވެ. ދުނިޔެމަތީގައި އެއީ ކިތަންމެ ފާހިޟް އަމަލަކަސް އެ މައުޟޫމް ތުއްތު ކުއްޖާގެ އެއްވެސް ކުށެއް ނެތެވެ. ކުށްކުރެވުނީ އެކުއްޖާގެ މައިން ބަފައިންނަށެވެ. މިފަދަ ވިޔާނުދާ ފާހިޟް އަމަލުތަކަކީވެސް މިއަދު އަޅުގަނޑުމެންގެ މިދިވެހި މުޖުތަމައުން ފެންނަމުންދާ މަންޒަރުތަކެވެ. އާއިލާގެތެރޭގައި ހިނގާ މިފަދަ ހަޑިމުޑުދާރު އަމަލުތައް ހުއްޓުވުމަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެވެސް ވާޖިބަކަށް ހަދަމާތޯއެވެ.
……………………