ބ. މާޅޮހުގައި މިހާރު ކުރިއަށްދާ މާރެސް އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޑިވިސަންގެ ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން ގޮއިދޫ އާއި މާޅޮސް ދަތުރުކޮށްފިއެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ފައިނަލުގައިވެސް ވާދަކުރީ މި ދެ ޓީމެވެ.
މިއަދު ހަވީރު މާޅޮހުގައި ކުޅުނު ސެމީ ފައިނަލުގައި ކުޑަރިކިލުގެ ޓީމުގެ މައްޗަށް ގޮއިދޫން ކުރިހޯދީ 3-1ސެޓުންނެވެ. އެއީ 25-17، 25-27، 25-16 އަދި 25-20 އިން ސެޓުތައް ގެންގޮސްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫ ޓީމުގެ ސައްދާދު ޒަކީ އެވެ.
މާޅޮސް ފައިނަލަށް ދަތުރުކުރީ ސެމީފެ ފުރަތަމަ މެޗުގައި އިއްޔެ ސީދާ ތިން ސެޓުން ކަމަދޫ ބަލިކުރުމަށްފަހު އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޅޮހުގެ އަޝްފާގު އާދަމު އެވެ.
މުބާރާތުގެ ފައިނަލު މެޗު އޮންނާނީ ހޮނިހިރު ދުވަހު ހަވީރު އެވެ.